ޚަބަރު

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް ބާތިލުކުރުމުން ސުޕްރީމް ކޯޓަށް

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދޭން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ޔޮޓް ޓުއާސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިއަދުއެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލައާމެދު އަދި ގޮތެއް ނުނިންމަވައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ ސެފްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވެގެން ދިއުމާ ގުޅިގެން، ޔޮޓް ޓުއާސް އިން ހިންގި ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަމުގެ ބަދަލު ގޮތުގައި 22.7 ޑޮލަރު އިންޝުއަރެންސް ފައިސާގެ ގޮތުގައި ދިނުމަށް އެލައިޑުގައި އެދުނެވެ. ނަމަވެސް އެލައިޑުން ވަނީ އެ ފައިސާ ދިނުމަށް ދެކޮޅު ހަދައިފައެވެ. އެހެންވެ ޔޮޓް ޓުއާސްގެ ފަރާތުން ވަނީ އެލައިޑާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ސވިލް ކޯޓުން ބުނީ، އެ މައްސަލަ ހުށަހެޅީ ވަގުތު ފާއިތުވެފައިވަނިކޮށް ކަމަށްވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުން ޔޮޓް ޓުއާސްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޔޮޓް ޓުއާސްގެ ފަރާތުން އެލައިޑާ ދެކޮޅަށް ދައުވާކުރީ ވަގުތު ފާއިތުނުވާނީސް ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ސިވިލް ކޯޓަށް އެންގިއެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު 19 ޖުލައި 2020 ގައި ހުކުމްކުރީ އެލައިޑުން ހަ މަސްދުވަހުގެ ތެރޭގައި 22.7 މިލިއަން ޑޮލަރު ޔޮޓްޓުއާސްއަށް ދެއްކުމަށެވެ. ނަމަވެސް އެލައިޑްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެކަމުގައި ޔޮޓް ޓުއާސްއިން އަމަލުކޮށްފައިވަނީ އިންޝުއާކުރި މުދަލަށް ގެއްލުމެއް ލިބުމުން އަމަލުކުރަން އެލައިޑާއެކު ވެފައިވާ އިންޝުއަރެންސް އެއްބަސްވުމުގައި އޮތް ގޮތަށް ނޫން ކަމަށް ބުނެ، ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުން މިދިޔަ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ބާތިލުކުރިއެވެ.

ހައިކޯޓުން ބުނެފައިވަނީ، އިންޝުއަރެންސް ވިޔަފާރިއަކީ އިންޝުއަރެންސް އެއްބަސްވުމުގެ ބައިވެރިން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބަރޯސާވެގެން ހިންގާ ވިޔަފާރިއެއްކަމުން، އިންޝުއަރެންސް ޕޮލިސީއެއް ދިރިއޮތްހާ ހިނދަކު އެންމެ މަތީ ދަރަޖައަށް ހެޔޮ ނިޔަތާ އެއްގޮތަށް އަމަލުކުރިކަން ފެންނަން އޮންނަން ޖެހޭނެ ކަމަށެވެ.

އިންޝުއަރެންސް ކުންފުނިތަކުން ގެއްލުމުގެ ބަދަލު ހޯދުމުގައި ދަތިތަކެއް ދިމާވާކަމަށް ވިދާޅުވެ ޖާބިރު ވަނީ މަޖިލީހަށް އިސްލާހެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ އިސްލާހު ވަނީ ބޭރުކޮށްލައިފައެވެ.