އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި، ފައްޔާޒު އިސްމާއީލް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ދޭ ބަޖެޓުގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ބަޖެޓުގެ 60 ޕަސެންޓް ބަހާނެގޮތުގެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ އަދި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބުދުﷲ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުން ކަންކަން ހިންގުމަށް ބާރު އަޅައި އެ ކަންކަމަށް ހިތްވަރު ދޭ ޕާޓީއެއް ކަމަށެވެ. އެހެންކަމުން މި އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް އެ ޕާޓީގެ ދާއިރާތަކަށް ބަހަމުން ގެންދިއުމަށް އެ ގަރާރުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ގޮތަށް އެމްޑީޕީގެ ދާއިރާތައް ބަހާލާފައިވަނީ ވެސް 87 ދާއިރާއަށެވެ. ބައި ލައްކައަށްވުރެ ގިނަ މެމްބަރުން ހިމެނޭ އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 15.02 މިލިއަން ރުފިޔާ ދީފައިވެއެވެ.

  • ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 ޕަސެންޓް ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން
  • ދާއިރާތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން
  • ދާއިރާތަކަށް ދޫކުރާ ފައިސާގެ 45 ޕަސެންޓް ދާއިރާތަކުގެ މެމްބަރުންގެ ނިސްބަތުން ބެހުން
  • ދާއިރާތަކަށް ދޫކުރާ ފައިސާގެ 10 ޕަސެންޓް ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުން