އެމްޓީސީސީން އަލަށް ގަނެގެން ގެނައި ދެ ޖައްރާފުގެ ތެރެއިން އެކައްޗަށް ގެނައުމުގެ ތެރޭގައި ގެއްލުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ޑްރެޖަރުތައް ގެނައީ ފުލީ އިންޝިއުރެންސް ކޮށްގެން ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ގަން ދެ ޑްރެޖާ ރާއްޖެ ގެނައުމުގެ ކުރިން ހަލާކުވެފައިވާ ކަމަށް ދިޔަރެސް ނޫހުން ރިޕޯޓްކުރުމާ ގުޅިގެން އެކަންވީ ގޮތް ހިއްސާކުރަމުން އާޒިމް މިއަދު "ވަން" އަށް ވިދާޅުވީ ޔޫރަޕުން ޑްރެޖާތައް ގެނައުމުގެ ތެރޭގައި އަރަބިކަނޑުން ގަދަ ކޮޅިގަނޑެއްގައި ޖެހި، އެއް ޑްރެޖަރުގެ "އެންކާ ބޫމް" ވެއްޓި ގެގަނޑަށް ގެއްލުންތަކެއް ލިބުނު ކަމަށެވެ.
ނަމަވެސް ޑްރެޖަރުތައް ސަޕްލައި ކޮށްދިން ހޮލެންޑުގެ "ރޯޔަލް އައިއެޗްސީ" ކުންފުނީގެ ޓީމެއް ރާއްޖެ އައިސް ގެއްލުން ލިބުނު ޑްރެޖަރަށް ދިމާވި މައްސަލަ ހައްލުކޮށް ނިންމާލާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ޑްރެޖަރު އެސެމްބަލް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"ދެ ޑްރެޖަރު އޮތީ މާލޭގައި. ޑްރެޖަރުތައް މާލެ ގެނެވިފައި ވަނީ ފުލީ އިންޝިއުރެންސް ކުރެވި، އެއްވެސް ރިސްކެއް އެމްޓީސީސީ އަށް ނާންނަ ގޮތަށް" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގެނައި ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކޮމިޝަން ކުރެވިފައިވާ ކަމަށާއި މޫސުން ރަނގަޅުވީހާ އަވަހަކަށް އަލިފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެރަށަށް ދާނެ ކަމަށެވެ.
އަދި ގެއްލުން ލިބުނު ޑްރެޖަރު 10 ދުވަސްތެރޭ އެސެމްބަލް ކޮށް ނިންމައި ކޮމިޝަން ކުރެވޭނެ ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ދާންދޫ ބިން ހިއްކަން އޭތި ދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު