ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ.
ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހުގައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 21 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝެއިހް ފަޒްލޫންއާއެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝެއިހް އާދަމް ނިޝާންވެސް ހިމެނެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ނިޝާންގެ ބަންދަށް އިއްޔެ 16 ދުވަސް އިތުރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު، އެ މައްސަލައިގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލު މެންބަރު އިބްރާހިމް ރައްޒާން (ޓަކޭ) ވެސް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފައެވެ. ޝަރުތު ކުރުމަށްފަހު ޓަކޭ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ކުރިއެވެ.
ނަމަވެސް އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ހުކުމްކުރީ ރައްޒާން ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ.
ޚަބަރު
ޚަބަރު