ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރުން އިންތިޒާމުކޮށްގެން އެ ރަށުގެ ޓީމުތަކަށް ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ކިއްސަރު ކަޕް 2022 ރޭ ފަށައިފިއެވެ.

ކިއްސަރު ކަޕަކީ މުޅި ރާއްޖޭގައިވެސް އެންމެ ޒަމާންވީ އެއް ފުޓްސަލް މުބާރާތެވެ. ރާއްޖެއަށް ފުޓްސަލް ތައާރަފުވުމުގެ ކުރިން ސިކް އެސައިޑް މުބާރާތެއްގެ ގޮތުގައި 2002 އަހަރު ފެށި ކިއްސަރު ކަޕް، ކިއްސަރު ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކޮށް ފުރަތަމަ ބޭއްވީ 2004 އަހަރެވެ.

އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ފޯރިގަދަކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކިއްސަރު ކަޕް އޮތްއިރު، މުބާރާތް ނުބޭއްވި މެދުކެނޑުނީ 2020 އަހަރެވެ. އެ އަހަރު މުބާރާތް ބާއްވަން އޮތް ނަމަވެސް ކޮވިޑް-19ގެ ސަބަބުން މުބާރާތް ޖެހުނީ ނުބާއްވާ ދޫކޮށްލާށެވެ.

މެދުކެނޑުމަށްފަހު މިއަހަރު މުބާރާތް ރޭ ފެށީ ޖުމުލަ ހަ ޓީމަކާ އެކުގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކޮނޑޭ ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ އިވެންޓް ޝަރަފުވެރި ކޮށްދެއްވީ ކިއްސަރު ޖަމިއްޔާގެ އެންމެ ފުރަތަމަ ރައީސް އަދި މިހާރު އއ. އުކުޅަހުގެ މެޖިސްޓްރޭޓް އަލްއުސްތާޒު މުއާވިޔަތު ގާސިމެވެ. ރޭގެ އިވެންޓުގައި މުބާރާތަށް ހާއްސަކޮށް ކިއްސަރުން ތައްޔާރުކުރި ތަށިވެސް ދައްކާލާފައިވެއެވެ.

މުބާރާތުގެ ތަށި ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ކުޅިވަރުގައި ކޮނޑޭއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަބްދުﷲ އަލީއެވެ.

މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރާއިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ސްޕޯޓްސް ކްލަބު ބަފާނާއާއި ފޭޒާ އެފްސީ އަދި ހެލަނގެލި އެސްސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ރޭމްޕޭޖާއި އައިބީ ސްޓްރީޓް އަދި ޕާކު ހަޔަޓް މޯލްޑިވްސް ހަޑަހާއެވެ.

ރޭ ވަނީ މުބާރާތުގެ ފުރަތަމަ ދެމެޗު ކުޅެފައެވެ. ރޭ ކުޅެފައި ވަނީ ގްރޫޕް އޭގެ މެޗެއްގެ އިތުރުން ގްރޫޕް ބީގެ މެޗެކެވެ. ގްރޫޕް އޭގައި އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަން ބަފާނާ ކައިރީ ފޭޒާ މޮޅުވީ 2-1ގެ ނަތީޖާ އަކުންނެވެ. ފޭޒާގެ ދެ ގޯލުވެސް ތ. ތިމަރަފުށީގެ އިބްރާހީމް ހަމްދާން (ހަމްދެ) ޖެހި އިރު، ބަފާނާގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ސުހައިލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަމްދެއެވެ.

ގްރޫޕް ބީގައި ރޭމްޕޭޖުން ހޯދީ ބޮޑު މޮޅެކެވެ. އައިބީ ސްޓްރީޓްސް ކައިރީ ރޭމްޕޭޖުން ވަނީ 5-1 އިން މޮޅުވެފައެވެ. މެޗުގައި ރޭމްޕޭޖުގެ އަލީ ހާފިޒް (ހާއްޕެ) ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ހުސައިން ޝަރީފް (އޮންލީ) އެވެ. އައިބީ ސްޓްރީޓްސްގެ ހަމައެކަނި ގޯލު ޖެހީ ޒިހާން އަބްދުﷲއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ހާއްޕެއެވެ.

ކިއްސަރު ފުޓްސަލް ކަޕުގެ މެއިން ސްޕޮންސަރަކީ ހިޓާޗީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ މާކްޓެކް މޯލްޑިވްސްއާއި ވީބީ ބްރަދާސްގެ ކެލޯގްސް އަދި ޕްރިންޖަލްސްއެވެ. އޭގެ އިތުރުން ފެނަކަ، ސިބްކޯގެ އަލް މުދިޝް އަދި މޯލްޑިވިއަން އަކީވެސް މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.

މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލައިނެވެ. މުބާރާތުގެ އިންތިޒާމް ޕާޓްނަރަކީ ކޮނޑޭ ކައުންސިލެވެ. ކިޓް ޕާޓްނަރަކީ މަޅި މޯލްޑިވްސްއެވެ. އަދި އެކޮމޮޑޭޝަން ޕާޓްނަރަކީ ސަން ކޮރަލް މޯލްޑިވްސްއެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީ ބާޔޯއެވެ. ކިއްސަރު ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ.

ކިއްސަރު ފުޓްސަލް ކަޕް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

20:30 އެސްސީ ބަފާނާ - ހެލެނގެލި އެސްސީ

21:30 ރޭމްޕޭޖު - ޕާކު ހަޔަޓް މޯލްޑިވްސް ހަޑަހާ