އަންނަ މަހު ކިރްގިސްތާނުގައި ބާއްވަން ތާވަލުކޮށްފައިވާ ތިން ވަނަ އޭވީސީ ޗެލެންޖް ކަޕުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ތަޖުރިބާކާރު ވޮލީބޯޅަ ރެފްރީ، ކުނޑި އަހުމަދު ސަލީމަށް ލިބިއްޖެއެވެ.
ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަން މެމްބަރުކަމާއި ޓެކްނިކަލް ކޮމިޝަން މެމްބަރުކަން ފުރަމުން އަންނަ ކުނޑި ސަލީމަށް ލިބުނު ފުރުސަތަކީ މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތުން ލިބުނު ފުރުސަތެވެ. އޭވީސީ ޗެލެންޖް ކަޕް ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހު، 28 އިން ސެޕްޓެމްބަރު ހަތަަރަކަށެވެ. މުބާރާތް ކުރިއަށްދާނީ ކިރްގިސްތާންގެ ޗޮލްޕޯން އާޓާގައެވެ.
އޭވީސީ ޗެލެންޖް ކަޕުގައި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ގައުމުތަކުން ބައިވެރިވާނެއެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް މުބާރާތް ބާއްވާފައިވާ އިރު، އެ ފަހަރު ފައިނަލުގައި އިރާގުން ވަނީ ސައުދީ އަަަރަބިއްޔާ ބަލިކޮށްފައެވެ.
ވޮލީއަށް 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ކުނޑި ސަލީމަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަދި އޭގެ ފަހުން ފުޓްބޯޅަ ޔޫތު ޑެވަލޮޕްމަންޓް ކޯޗެއްގެ ގޮތުގައި ފާހަގަކުރެވުނު ރެފްރީއެކެވެ. 1996 ވަނަ އަހަރުގެ ތެރޭގައި ކުނޑި ސަލީމް ރެފްރީކަން ފަށާފައިވާ އިރު، އޭނާއަކީ ރާއްޖޭގެ އެންމެ ގިނަ މުބާރާތްތަކުގައި ވޮލީ ރެފްރީކަން ކުރި އެއް ރެފްރީވެސް މެއެވެ.
ރާއްޖޭގައި ބޭއްވި އެކި އިންވިޓޭޝަނަލް މުބާރާތްތަކާއި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުނޑި ސަލީމް ވަނީ ރެފްރީކަން ކޮށްފައެވެ.