މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހުރިހާ އާންމު ހިދުމަތްތައް އޮންލައިންކޮށް ލިބޭ "މާވެހި" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
"މާވެހި" ޕޯޓަލް އިފްތިތާހުކޮށްފައިވަނީ ލޮނުޒިޔާރަތް ޕާކުގައި މިރޭ ބޭއްވި މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
މާވެހި ޕޯޓަލް ބޭނުންކުރުމަށް އެ ޕޯޓަލްގައި ރަޖިސްޓަރީކުރަން ޖެހެއެވެ. އަދި އެއަށްފަހު އެ ޕޯޓަލުން ބޭނުންވާ ހުރިހާ އާންމު ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
- ކުއްޖާ އުފަންވުމަށްފަހު އެދޭ ހިދުމަތްތަކަށް
- މާލެ ސިޓީގެ ގެއެއްގައި ރަޖިސްޓަރީވުމުގެ ހިދުމަތްތަކަށް
- އިމާރާތާ ބެހޭ ހުރިހާ ހިދުމަތްތަކަށް
- ބިމާ ބެހޭ ހިދުމަތްތަކަށް
- މަގު ބަންދުކުރުމާއި މަގުމަތީގައި މަސައްކަތްކުރުމަށް އެދޭ ހުރިހާ ހިދުމަތްތަކަށް
- ފައްތިޔާ އާއި ފަޅުގެ ހިދުމަތްތަކަށް
- ޕާކުތައް ކުއްޔަށް ހިފުމަށް ބޭނުންވާ ހިދުމަތްތަކަށް
- މިސްކިތްތަކަށް ޑޮނޭޓްކުރުމުގެ ހިދުމަތްތަކަށް
މާލެ ސިޓީ ކައުންސިލުން ބުނީ މާވެހި ޕޯޓަލުން ހިދުމަތަކަށް އެދުމަށްފަހު އެ ހިދުމަތެއް ކުރިއަށްދާ ގޮތް ބަލައިލެވޭނެ ކަމަށާއި ހިިދުމަތްތަކަށް ކައުންސިލުން ނަގާ ހުރިހާ އެކްޝަންތަކެއްގެ ނޮޓިފިކޭޝަން މެސެޖަކުން އެމީހެއްގެ ފޯނަށް ލިބޭނެ ކަމަށެވެ. އަދި ހިދުމަތްތަކުގެ ހުރިހާ ޑޮކިއުމަންޓުތަކެއް ޕޯޓަލުން ފެންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އަންނަ މަހުގެ ތިންވަނަ ދުވަހު ޕޯޓަލުން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައި، ހިދުމަތެއްގެ ހުއްދައަށް އެދޭ ނަމަ ލިބޭނީ ޑިޖިޓަލް ޕާމިޓެއް ކަމަށާއި ސައްހަ ޕާމިޓެއްތޯ ބެލުމަށް އެ ޕާމިޓެއްގައި ހިމެނޭ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން ބަލައިލެވޭނެ ކަމަށެވެ.
ޕޯޓަލުން ކުރީގެ ޑޮކިއުމަންޓުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ޑޮކިއުމެންޓުތައް ސްކޭންކޮށް ޑޭޓާބޭސްއަށް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ޕޯޓަލުން އެދޭ ހިދުމަތެއް ރަސްމީ ތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު