ފަރުކޮޅުފުށީގެ ހުޅަނގު އުތުރު ފަރާތަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއޭފްއިން ބުނީ އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:05 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ގެއްލުނު މީހާގެ ހަށިގަނޑު ޑައިވަރުންނަށް ފެނިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކ. ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން ކަނޑުގެ 30 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަރުވެފައިވަނީ ސައުތު ކޮރެއާ ފަތުރުވެރިއެކެވެ. އޭނާގެ އުމުރަކީ 49 އަހަރެވެ.
އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށްފަހު މިއަދު 12:21 ހާއިރު އޭނާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.