މި ސީޒަނަށް ޖަރުމަނުގެ ޑޯޓުމަންޑަށް ގެންދިޔަ ސެބެސްޓިއަން ހެލާއަށް އޮށުގެ ކެންސަރު ޖެހިފައިވާ ކަމަށް ކްލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ފޯމު ރަނގަޅުކޮށް ފެނުނު އުމުރުން 28 އަހަރުގެ އައިވޮރީ ކޯސްޓް ފޯވަޑް ހެލާއަށް ކެންސަރު ޖެހިފައިވާ ކަމަށް އިއުލާން ކުރަމުން ކްލަބުން ބުނެފައި ވަނީ އޭނާގެ އޮށު ތެރޭގައި ޓިއުމަރެއް އުފެދިފައިވާ ކަމަށެވެ. އެކަން އެނގިފައި ވަނީ އިއްޔެގެ ތަމްރީނުތަކުގެ ތެރެއިން ކުރިމަތިވި ބައެއް އުނދަގޫތަކުގެ ސަބަބުން ހެދި ޓެސްޓްތަކުން ކަމަށްވެސް ޑޯޓުމަންޑުން ބުނެފައިވެއެވެ.

ޑޯޓުމަންޑުން ބުނެފައި ވަނީ ހެލާގެ އިތުރު ޓެސްޓުތައް މިހާރު ކުރިއަށްދާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަށް ފަރުވާ ދޭން ފެށުން ކަމަށެވެ. ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ސެބެސްޓިއަން ކެހެލް ބުނީ ހެލާއަށް ދެވޭ ފަރުވާއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކެންސަރު ފަރުވާ ކަމަށް ކްލަބުން ޔަގީންކުރާނެ ކަމަށެވެ.

ހެލާ ޑޯޓުމަންޑަށް ބަދަލުވެފައި ވަނީ މިދިޔަ ސީޒަނުގައި އަޔެކްސްއަށް ކުޅުމަށްފަހުއެވެ. އަޔެކްސްގައި އޭނާގެ ތަފާތު ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ 11 ގޯލު ޖަހައިފައެވެ. މި ސީޒަނަށް ޑޯޓުމަންޑުން ހެލާ ގެންގޮސްފައި ވަނީ ވަރުގަދަ ފޯވަޑް އާލިން ހާލަންޑް މެންޗެސްޓާ ސިޓީއަށް ބަދަލުވުމުންނެވެ.

ހެލާއަށް ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލޭނެކަން ޔަގީން ވެފައިވާއިރު، އޭނާ ނެތްތައް ފޫބައްދަން ޑޯޓުމަންޑުން އިތުރު ޓްރާންސްފާއެއް ކުރާނެ ކަމަށް ބެލެވެއެވެ.