ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ކ. ދިއްފުށީގައި، ގއ. ވިލިނގިލިއަށް ނިސްބަތްވާ މުހައްމަދު ޝިހާމަށް އަނިޔާކުރި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ވިލިނގިލީގައި މިއަދު މުޒާހަރާކޮށްފިއެވެ.
ދިއްފުއްޓަށް އަނބިމީހާއާއެކު ގޮސް އުޅުނު ޝިހާމަށް އެ ރަށުގެ ބަޔަކު ހަމަލާދިނީ 14 އަހަރުގެ އަންހެން ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.
ޝިހާމު ބުނި ގޮތުގައި އޭނާއަށް އަނިޔާކުރި އިރު، އެތަނުގައި ފުލުހުންވެސް ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވަން އެމީހުން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. އަދި ބުނީ ދިއްފުށި ސިއްހީ މަރުކަޒުން އޭނާއަށް ފަރުވާދޭން ދެކޮޅު ހެދި ކަމަށާއި އެ މަރުކަޒުން ފަރުވާ ދޭން ފެށީ ތިން ގަޑިއިރު ފަހުން ކަމަށެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މިމަހުގެ 14 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.
ޝިހާމަށް އަނިޔާކުރި މައްސަލަ ކުށްވެރިކޮށް އެ މައްސަލައިގެ އިންސާފު ހޯދުމަށް ގޮވާލި މިއަދު ހަވީރު ވިލިނގިލީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިން ވަނީ، ޝިހާމަށް އަނިޔާކުރި އިރު އެކަން ނުހުއްޓުވި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފައެވެ. އަދި ޝިހާމަށް އަނިޔާކުރި މީހުންނަށް ހައްގު ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައިފައެވެ.
ޝިހާމަށް އަނިޔާކޮށް ދިއްފުށިން ހިންގީ ޓެރަރިޒަމެއްގެ އަމަލެއް ކަމަށާއި ޝިހާމުގެ އަނބިމީހާގެ ކުރީގެ ފިރިމީހާ ހައްޔަރުކުރަން ވެސް ބައިވެރިން ވަނީ ގޮވާލައިފައެވެ.
ޝިހާމަށް ކުރި އަނިޔާތައް ކުށްވެރިކޮށް ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ، ދިއްފުށިން ފެނިގެން ގޮސްފައި ވަނީ ލާއިންސާނީ އަނިޔާވެރި އަދި ނުރައްކާތެރި މާހައުލެއް ކަމަށާއި ކުށެއްގެ ތުހުމަތެއްވާ ނަމަ އެކަންކަން ބެލޭނެ ގާނޫނީ ހަމަތަކެއްވާ ކަމަށެވެ.
ދިއްފުށިން ހިންގި އެ އަމަލަކީ ވިލިނގިލީ ޒުވާނަކާ ދެކޮޅަށް ރާވައިގެން ހިންގި ބޮޑު ކުށެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.