އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 24

އަބްދުﷲ ފާރޫގް ހަސަން

1

(11 ޖުލައިގެ އަދަދާ ގުޅޭ)

އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީ ކޮބައިތޯއެވެ؟ މިހާރުވަނީ މި މައިގަނޑު ނަމުގައި އެކަށީގެންވާ ތަފްސީލާއެކު ބަހުސުކުރެވިފައެވެ. އެނިޒާމު ޤާއިމުކުރުމަކީ ހުސްއެކަނި ސުންނަތްކަމެއް ނޫނެވެ. ހަމައެކަނި މުސްތަޙައްބުކަމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގެ މުހިންމުކަން ސާބިތުކޮށްދިނުމަށްޓަކައި އަނެއްކާވެސް މިހުށަހަޅަނީ مـــولانـــا سيّــد أبـــوالحســن عـلــى نـــدوى ގެ އިޤްތިބާސެކެވެ.

"އިސްލާމްދީނަކީ ހުސްއެކަނި ޚާއްޞުންގެ ދީނެއް ނޫނެވެ. ޚާއްޞަ މަދުބަޔަކު އެދީނަށް ޢަމަލުކުރުމަކުން ނުފުދެއެވެ. އިސްލާމްދީނަކީ ޢީސާއިއްޔަތު ފަދައިން ބައެއް ޢަޤީދާތަކާއި ރަސްމުތަކެއްގެ ނަމެއް ނޫނެވެ. އިސްލާމްދީނަކީ ޙަޔާތުގެ ނިޒާމެކެވެ. އެނިޒާމު އެދެނީ ޒަމާނުގެ ޖައްވާއި އިންސާނީ ޠަބީޢަތު ލެނބޭގޮތްތައް ބަދަލުކޮށްލާށެވެ. ރަހަތައް ތަފާތުކުރުވާށެވެ. އިންސާނީ އަޣުލަބިއްޔަތުގެ ކުލަ ބަދަލުކޮށްލާށެވެ. ޢަޤީދާއާއެކު މީހުންގެ ހޭޑިފޭޑިއާއި އަޚްލާޤާއި ދިރިއުޅޭގޮތް ތަފާތުކޮށްލާށެވެ. ޙަޔާތުގެ މަޤްޞަދުތަކާއެކު ޤަބޫލުކުރާ ރަނގަޅު ނުރަނގަޅުގޮތުގެ މިންގަނޑުވެސް އާކޮށްލާށެވެ. ވިސްނުން ހިންގާ މިސުރާބާއެކު އިންސާނީ ޒިހުނިއްޔަތުވެސް އެދީނުގެ ތައްގަނޑަށް ފައްތާށެވެ. އެ މަޤްޞަދު ޙާޞިލުކުރެވޭނީ ޢަމަލީ ނުވަތަ މާއްދީ ވެރިކަމާއެކު ސިޔާސީ އިސްވާރުކަންވެސް ލިބިގެންނެވެ." ޤާނޫނު ހެދުމާއި ތަންފީޒުކުރުމުގެ ބާރުވެސް ހަމައެކަނި މުސްލިމުންގެ އަތުގައި އޮވެގެންނެވެ. އެދީނުގެ ރަނގަޅު ތަމްސީލުކުރުމެއްގެ ނަމޫނާއެއް ދުނިޔެއަށް ދެއްކިގެންނެވެ. އިސްލާމްދީނުގެ މާއްދީ ވެރިކަމެއްގެ ނަތީޖާއަކަށްވާނީ އެދީނުގެ ރޫޙާނީ ވެރިކަމާއި އަދި ވެރިކަންކުރާ ޖަމާޢަތުގެ އަޚްލާޤާއި ޢަމަލުތަކުގެ ނަތީޖާ ދުނިޔެއަށް ދައްކައިލެވުމެވެ. ކީރިތި ޤުރްއާނުގައި އެ ޙަޤީޤަތް ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"އެއުރެންނީ ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، (އެއުރެންގެ ޙުކުމް ހިނގާނެގޮތް މެދުވެރިކުރައްވައިފިނަމަ) ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللّــه އަށެވެ." (الحـــجّ: 41)

މުހިންމު ނުކުތާއެކެވެ. ޝަރްޢީ ޙުކޫމަތަކާ ނުލައެއް ޝަރީޢަތާ އެއްގޮތަށް ފުރިހަމަޔަކަށް ޢަމަލެއް ނުކުރުވޭނެއެވެ. އިސްލާމްދީނުގެ ޢަމަލީ ނިޒާމުގެ ވަރަށްބޮޑު ބައެއް ގުޅިފައިވަނީ ޙުކޫމަތާއެވެ. ޙުކޫމަތާ ނުލައި ކީރިތި ޤުރްއާނުގެ ބައެއް އޮންނާނީ ޢަމަލީސިފަ ނުގެނެވިއެވެ. އިސްލާމްދީން ޙިމާޔަތްކޮށް ރައްކައުތެރިކުރެވޭނީވެސް މުސްލިމުންނަށް ބާރު ލިބިފައި އޮވެގެންނެވެ. އިސްލާމްދީނުގެ މާލީ ނިޒާމާއި ޤާނޫނީ ބައެއް ދާއިރާތަކަށް އޮންނާނީ ހުއްޓުންއަރައިފައެވެ. އެހެންކަމުން ކީރިތި ޤުރްއާން ބާރުއަޅުއްވަނީ މުސްލިމުން އާރާއި ބާރާއި ޢިއްޒަތްތެރިކަން ހޯދުމަށެވެ. އެހެންކަމުން އިސްލާމީ ޚިލާފަތާމެދު ބެލެވިފައިވަނީ ވަރަށް މުހިންމު އަދި މުޤައްދަސްކަމެއްގެ ގޮތުގައެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ކަށުކަމާކެމީގެ ކަންތަކަށްވުރެ ކުރީން ޞަޙާބީންގެ ބޮޑެތި ބޭކަލުން އެކަމަށް ސަމާލުވެވަޑައިގެންނެވީ އެހެންވެގެންނެވެ. ވިސްނުމުގެ ދާއިރާ ހަނި ބައެއް މީހުންނަށް ވިސްނައިނުގަނެވުނު ކަމުގައިވިޔަސް إمــام حسيـن رضـى اللّــه عــنـــه އެކަލޭގެފާނުގެ ފުރާނަފުޅު ޤުރްބާންކުރެއްވީ އެމަޤްޞަދު ޙާޞިލުނުވެދިޔަ ނުދެއްވުމަށްޓަކައެވެ. ނާޤާބިލް ބައެއްގެ އަތްމައްޗަށް ވެރިކަން އެރިޔަ ނުދެއްވުމަށްޓަކައެވެ." (ސީރަތެ ސައްޔިދު އަޙްމަދު ޝަހީދު، އެއްވަނަބައި، ޞަފުޙާ: 515)

އިސްލާމީ ސިޔާސީ ނިޒާމަކީ އުންމަތަށް މުހިންމު ކަމެއްކަމުގައި ނުދެކޭ މީހުންނަކީ އިސްލާމްދީނުގެ ޞައްޙަ ތަޞައްވުރެއް ލިބިގަނެވިފައިނުވާ މީހުންނެވެ. ޚާއްޞަ ބާވަތެއްގެ މާޙޫލެއްގައި ތަރްބިޔަތުވެފައިވާ މީހުންނެވެ. ނުވަތަ ސެކިއުލަރ އެކުވެރީންގެ އެކުވެރިކަމުގެ އަސަރު ފޯރައިފައިތިބޭ މީހުންނެވެ. އެފަދަ މީހުންގެ ނަޒަރުގައި ސަރުކާރުން މިސްކިތްތަކުގައި ސަޖިދަ ޖަހައިލުމުގެ ހުއްދަދޭ ކަމުގައިވާނަމަ އެމިންވަރުން ފުދެއެވެ. އެހައިތަނުން ޝަރީޢަތް ތަންފީޒުކުރެވުނީއެވެ. އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ތަންފީޒުވާންޖެހޭނީ ހުޅަނގުގެ ޤާނޫނުތަކެވެ. ޢަރަބި ވަރަށްގިނަ ޤައުމުތަކުގެ ވެރީން ގެންގުޅުއްވަނީ މި ވިސްނުންފުޅެވެ. މިއީ ތުރުކިއޭގެ ކަމާލު އަތާތުރްކުގެވެސް ވިސްނުންފުޅެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތް ބާވައިލެއްވައިފައިވަނީ މިދެންނެވި ވިސްނުން ގެންގުޅޭ މީހުނާ މެދުގައެވެ.

"ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަކު ކާފިރުވަނީ ހެއްޔެވެ." (الــبــقـــــرة: 85)

އަމުރުވެރިކަމާއި ޙުކުމްވެރިކަން ލިބިވޮޑިގެންވަނީ ހަމައެކަނި اللّــه އަށެވެ. ޙަޔާތުގެ ހުރިހައި ދާއިރާތަކެއްގައި ހިނގާންވާނީ އެކަލާނގެ ޙުކުމްފުޅެވެ. އިންސާނީ ޙަޔާތުގެ ހުރިހައި ދާއިރާތަކެއްގައި އެކަލާނގެ ޙުކުމްފުޅު ނުހިންގަވާ ޙާކިމަކީ މާތް اللّــه ގެ ބާޣީއެކެވެ. އެފަދަ ޙާކިމުންގެ ވިސްނުންފުޅު އިޞްލާޙުކުރެވޭނެ އެއްވެސްގޮތެއް ނެތިއްޖެކަމުގައިވާނަމަ އެފަދަ ޙާކިމުންނާ ދެކޮޅަށް ނުކުމެވޭނެއެވެ.

ކުރީންވެސް ތަކުރާރުކޮށް ދަންނަވަމުން އަންނަ ފަދައިން އިސްލާމީ ރިޔާސަތެއް އުފެއްދުމަކީ ވާޖިބެކެވެ. އެކަމަށްޓަކައި ލާޒިމުވަނީ ވަސީލަތްތައް ލިބިފައިވުމެވެ. މަގުފަހިވެފައި އޮތުމެވެ. އެކަންކަން ހޯދުންވެސް ވާޖިބެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ އިސްލާމީ ރިޔާސަތެއް އުފެއްދުމަށްޓަކައި އޭރަކު ހުންނެވި ވެރިޔަކަށް ތަންޤީދުކުރާން ޖެހިއްޖެކަމުގައިވާނަމަ އެކަން ކުރާންޖެހޭނެއެވެ. ޣައިރު އިސްލާމީ ސަރުކާރުތަކުގެ ގެއްލުން މީހުންނަށް ވިސްނައިދޭން ޖެހިއްޖެނަމަ އެކަންވެސް ކުރާންވާނެއެވެ. ޢާންމު ޚިޔާލު އެއްގޮތްކޮށް މީހުންގެ މެދުގައި ކަމުގެ ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިޙުތިޖާޖަށް ނުކުންނާންޖެހިއްޖެ ހިނދެއްގައި އެކަންކަން ކުރުންވެސް ލާޒިމުވާނެއެވެ.

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅެއްގައިވަނީ މުސްތަޤްބަލުގައި مـنــهــاج الــنـّـبـــوّة ގައި މުސްލިމުންގެ ޚިލާފަތެއް ޤާއިމުވާނެކަމުގެ ނިމުތު ދެއްވައިފައެވެ. އެހެންކަމުން ހުރަސްތައް ކުރިމަތިކުރެވުނުކަމުގައިވިޔަސް، ހިތްވަރު އެލުވައިނުލައި އެކަން އަދައިގެން މަސައްކަތްކުރާ ދީނީ ޖަމާޢަތްތަކަށް ސާބަސް ޙައްޤެވެ. އެކަމަށްޓަކައި ޢަމަލުފުޅާއި ބަސްފުޅުން ޖިހާދުކުރައްވާ ޢިލްމުވެރީންނާއި މުފައްކިރުންނަށް މުބާރިކުބާދީ ދަންނަވާން ޖެހެއެވެ. އާދެ، އެ ޙަދީޘުފުޅުގައި ވެއެވެ.

"މާތް اللّــه ރުހިވޮޑިގެންވާ މުއްދަތަކަށް ތިޔަބައިމީހުންގެ ތެރޭގައި ނަބީކަން އޮންނާނެއެވެ. ދެން އަރަހުށި މާތް اللّــه ގެ މިންވަރުފުޅުގައިވާ ވަގުތު ޖެހުމުން އެކަން އުފުއްލަވައިގަންނަވާހުއްޓެވެ. އެއަށްފަހު ނުބުއްވަތާ ހަމަ އެއްގޮތެއްގައި ޚިލާފަތު ދެމިއޮންނާނެއެވެ. މާތް اللّــه ރުހިވޮޑިގަންނަވާ މުއްދަތަކަށެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ ވަގުތު ޖެހުމުން އެކަން އުފުއްލަވައިގަންނަވާނެއެވެ. ދެން އަންނާނީ ވަރުގަދަ (ހަރުކަށި) ރަސްކަމެވެ. މާތް اللّــه ރުހިވޮޑިގެންވާ މުއްދަތަކަށް އެކަން ދެމިއޮންނާނެއެވެ. އެއަށްފަހު އެކަލާނގެ އެދިވޮޑިގެންވާ ވަގުތު ޖެހުމުން އެކަންވެސް އުފުއްލަވައިގަންނަވާނެއެވެ. ދެން އަންނާނީ ގަދަބަދަވި ގޮށްމުށުބާރުގެ ވެރިކަމެވެ. އެކަލާނގެ މިންވަރުފުޅުގައިވާ ވަގުތަކާ ހަމަޔަށް އެކަން ދެމިއޮންނާނެއެވެ. އެއަށްފަހު އެކަލާނގެ އެދިވޮޑިގެންވާ ވަގުތެއްގައި އެކަން އުފުއްލަވާނެތެވެ. ދެން އަންނާނީ ނުބުއްވަތާ އެއްގޮތް ޚިލާފަތެވެ." (مسنـد أحـمد)

މި ޙަދީޘްފުޅުން އެނގޭގޮތުގައި مـنــهــاج الــنـّـبـــوّة ގައި ޚިލާފަތު ޤާއިމުވާ ދުވަހެއް އެންމެފަހުން އަންނާނެއެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން ނިރުބަވެރިކަމުގެ ބޮޑު ތުހުމަތު އަޅުވަމުންދާއިރުވެސް އިމްކާނިއްޔާތު ތަންދޭ ޞުލްޙަވެރި އަމާންގޮތަކަށް އެކަމަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ތަހުނިޔާ ކިޔާންޖެހެއެވެ. ތައުފީޤު ލިބިގެންނުވާ ބަޔަކީ ތިމާމެން ވެރިކަމުގައި ދެމިތިބުމަށްޓަކައި އުންމަތުގެ ހެޔޮކަމުގެ އަހްލުވެރީންގެ ހެޔޮ މަސައްކަތަކީ އަދަބު ދިނުމުގެ ސަބަބަކަށް ހަދާމީހުންނެވެ.

އިސްލާމީ އުންމަތުގެ އަކްސަރިއްޔަތަކީ އިސްލާމީ ޙުކޫމަތާމެދު ސާފު ވިސްނުމެއް ގެންގުޅޭ ބައެއް ނޫނެވެ. ޙަޤީޤީ މާނައިގައި ތަންދޮރުފިލުން ކުޑަވުމުންނެވެ. އެބައިމީހުންނަކަށް ނޭނގެއެވެ. މުސްލިމު އާބާދީއެއް އޮންނަ ޤައުމެއްކަމުގައިވާނަމަ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރެވޭން ޖެހޭނެއެވެ. ޙައްދުތައް ޤާއިމުކުރެވި ތަޢުޒީރަތުތައް ޤާއިމުކުރެވޭން ޖެހޭނެއެވެ. އިސްލާމީ ޤާނޫނުތަކާ އެއްގޮތަށް ސަރިޔަތް ހިންގާންޖެހޭނެއެވެ. އެޤައުމެއްގައި މިކަންކަން ތަންފީޒުވަމުންނުދާ ޤައުމަކީ އިސްލާމީ ޤައުމެއް ނޫނެވެ. އެޤައުމެއްގައި އިސްލާމީ ޤާނޫނު ތަންފީޒުކުރުވަން އުޅޭމީހުން ބާރުގެ ބޭނުންކޮށްގެން ފުނޑަމުންގެންދާނަމަ ނުވަތަ އެފަދަ މީހުންނަށް އަނިޔާކުރަމުންގެންދާނަމަ އެފަދަ ސަރުކާރުތައް ބަދަލުކުރުމަކީވެސް ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. "މި ޤައުމުގެ ވެރިޔާ ހުކުރަށް ވަޑައިގަންނަވައޭ ތަބްލީޣުކުރުމަށްޓަކައި އެފުރިކާއަށް ދާޢީން ފޮނުއްވައެކޭ" އެކަކުވެސް ބުނެގެން ނުވާނެއެވެ. ދީނީ ޖަމާޢަތްތަކުން މިފަދަ ވެރިޔަކާ ދެކޮޅަށް ޙަރަކާތެއް ހިންގައިގެން ނުވާނެއެކޭ ނުބުނެވޭނެއެވެ. މިފަދަ ވާހަކަ ދައްކާ މީހުންނަކީ ފިކުރާއާއި ވިސްނުމުގައި ފުށުއެރުމެއް ހުންނަ ބައެކެވެ. އެބައިމީހުން އެއްފަހަރު އެބުނަނީ އިސްލާމްދީނަކީ ޙައްޤު ދީންކަމުގައެވެ. އަނެއްފަހަރު ތާއީދު އެކުރެވެނީ އިސްލާމީ ޤައުމެއްގައި ލާދީނީ ވެރިކަމެއް އޮތުމަށެވެ. އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަމެވެ. އެތަނެއްގައި އިސްލާމީ ޤާނޫނުތައް ތަންފީޒު ނުކުރެވޭ ކޮންމެ ޤައުމަކީ ލާދީނީ ޤައުމެކެވެ. އިސްލާމީ ޤާނޫނު ތަންފީޒު ކުރުވަން އެދޭމީހުންނަށް އަދަބުދެވޭ ޤައުމަކީ ލާދީނީ ޤައުމެކެވެ. އެތަނެއްގެ ޙާކިމަކީ އެމީހެއްގެ ޒާތީ ދިރިއުޅުމުގައި ނަމާދުކޮށް ރޯދަ ހިފައިއުޅޭ މީހަކު ކަމުގައިވިޔަސްވެހެވެ.

(ނުނިމޭ)