މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ރެކޯޑު އަދަދެއްގެ އާމްދަނީއެއް ލިބިއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ 11.249 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާބަލައި އިރުވެސް ރެކޯޑު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުން ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަަލައި އިރުވެސް ހަތަރު ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީވެސް 455 މިލިއަނަށް އަރައެވެ.
އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލައި އިރު ޓެކުހުން ލިބުނު އާމްދަނީ އެކަނިވެސް 8.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މި އަހަރަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި 15.3 ބިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން، މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 49.3 ޕަސަންޓެވެ. ފައިސާއިން ބަލައި ނަމަ 5.6 ބިލިއަން ރުފިޔާއެވެ. ޓޫރިޒަމް ޖީއެސްޓީން އެކަނިވެސް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، އާއްމު ޖީއެސްޓީން 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި މުއްދަތުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 20.1 ޕަސެންޓު ނުވަތަ 2.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 1.14 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 547 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 381 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 376 މިލިއަން ރުފިޔާ، ލީޒް އެކްސްޓެންޝަން ފީއަށް 230 މިލިއަން ރުފިޔާ އާއި ބިދޭސީންގެ ވޯކްޕާމިޓް ފީގެ ގޮތުގައި 217 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު