ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ކުއާޓާ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ވާދަކޮށްފައިވެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެން ގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނެނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އެއިޓް ޓު ނައިން ކުއާޓާއަށް ދިޔައިރު، އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔައީ އެމްޕަޔާ އެސްސީއެވެ. ގްރޫޕް ބީގެ އެއްވަނަ ހިންމަފުށިން ހޯދި އިރު، ރޭ ކުޅުނު ގްރޫޕުގެ ފަހު މެޗު އެއްވަރުވެ، ދެވަނަ ފުރުސަތުގައި ކުއާޓާއަށް ދިޔައީ ބްލެކް އީގަލްސްއެވެ.
ގްރޫޕް ސީގެ އެއްވަނަ ގާފަރުން ހޯދި އިރު، އެ ގްރޫޕުން ދެވަނަ އަކަށް ކުއާޓާއަށް ދިޔަ ޓީމަކީ ދިއްފުއްޓެވެ. ގްރޫޕް ޑީގެ އެއްވަނަ އެޕޮކްލިޕްސް ހޯދި އިރު، ރޭ ކުޅުނު ގްރޫޕުގެ ފަހު މެޗުން މޮޅުވެ ހުދުރަންފުށިންވެސް ވަނީ ކުއާޓާގެ ފުރުސަތު ހޯދައިފައެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
20:15 އެއިޓް ޓު ނައިން އެފްސީ - ބްލެކް އީގަލްސް
21:10 ހިންމަފުށި އެފްޓީ - އެމްޕަޔާ އެސްސީ
22:05 ގާފަރު އެފްޓީ - ހުދުރަންފުށި
23:00 އެޕޮކްލިޕްސް - ދިއްފުށި އެފްސީ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް