ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ މަގުތަކުގެ ސަބްބޭސް މަސައްކަތްތައް މިދިޔަ ބުދަ ދުވަހު ފަށާފައިވާ ކަމަށާއި އަދި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ހިލަ އަދި ތާރުވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އޭޕްރިލް 8، 202ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ދީފައިވަނީ 470 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯމީޓަރު ދިގުމިނުގެ 11 މަގެއް ހެދުމާއި 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ހެދުމާއި 11،114 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.