މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީ 36 މިނީ ބަސް ގެނެސްފިއެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން ބަސް ތަކެއް ގެނެސްފައިވާ ކަމަށެވެ. ޖުމްލަ 36 ބަސް ގެނެސްފައިވާއިރު، މިހާރު ކުރިއަށް ދަނީ ކަސްޓަމްސްއިން ބަސްތައް ކްލިއާ ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރިޔާސީ ވައުދެފުޅެކެވެ. އެގޮތުން މިނީ ބަސް ތައާރަފްކޮށް ހިދުމަތް ފެށުމަށް ޓުރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ފެބުރުއަރީ، 2019ގައެވެ.

ރައީސް ސޯލިހުގެ އެ ރިޔާސާ ވައުދުފުޅު ފުއްދުމަށް އެމްޓީސީސީން މިމަހުން ފެށިގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެއަށް އެންމެ ފުރަތަމަ މިނީ ބަސް ތައާރަފްކުރުމުގެ މަސައްކަތް ހަވާލުކުރީ ޓްރާންސްޕޯޓް މިނިސްޓްރީއާއެވެ. އެ މިނިސްޓްރީއަށް އެމަސައްކަތް ނުފެށި ލަސްވެފައިވަނީ ފައިސާ ނެތުމުން ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. މިނީ ބަސް މަޑުކުރާނެ ބަސް ސްޓޮޕް ހެދުމުގެ މަސައްކަތުގެ ސާވޭއެއް ވެސް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ.

އެ ސާވޭގެ މަސައްކަތް އެއްކޮށް ނިމިފައެއްނުވެއެވެ. އެ ސާވޭގައި ބުނެފައިވާ ގޮތުން މަޖީދީމަގާއި އަމީނީމަގާއި އޯކިޑުމަގާއި ފަރީދީ މަގުގެ އިތުރުން މާލޭގެ އެތެރޭގެ ބައެއް މަގުތަކުގައި ބަސް ސްޓޮޕް ހަދާނެއެވެ.