އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގުއާޓަމާލާގެ "އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ" ގެ އިއްޒަތް އަރުވައިފިއެވެ.
މި އިއްޒަތް ޝާހިދަށް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވައިފައެވެ.
ޢަބްދުلله ޝާހިދަށް މި އިއްޒަތް އަރުވާފައިވަނީ ހާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ. މި އިއްޒަތް އެ ގައުމުން އަރުވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.
އެ ނިޝާންގެ އިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.
މިނިސްޓަރު ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާއި ފޮރިން މިނިސްޓަރާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ.
ގުއާޓަމާލާގެ މަތީ ޝަރަފެއް އަރުވާފައިވާއިރު، މިދިޔަ މަހު ޝާހިދަށް ވަނީ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް، "ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް" ގްރޭންޑް ކްރޮސް ސިލްވާ ޕެލޭޓް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު