ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވީ ބޮޑީބިލްޑިން މުބާރާތާއި ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި ޝެއިހުން ބަންދުގައި ބޭތިއްބުމާ ދެކޮޅަށާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ވީޑިއޯތަކާ ގުޅިގެން ސަރުކާރު ކޯލިޝަނުގައި އޮވެ އަދާލަތު ޕާޓީން ބަސްނުބުނާތީ ގިނަ ބަޔަކު ފާޑު ކިޔަމުންދާތީއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތްތަކުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިމްރާން ވަނީ އަދާލަތު ޕާޓީ ދިފާއުކުރައްވައި ވާހަކަދައްކަވައިފައެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށް ވިދާޅުވިއެވެ.

މި ޓުވީޓާއި ގުޅިގެން ދީނީ އިލްމުވެރިންތަކެއްވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.