ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ހިންމަފުށީ ފުޓްސަލް ޓީމާއި ގާފަރު ފުޓްސަލް ޓީމް އަދި ބްލެކް އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.
ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައި ވަނީ ގްރޫޕް ބީގެ ތިން މެޗެވެ. އެއީ ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ފުރަތަމަ ތިން މެޗުވެސް މެއެވެ. ރޭގެ ފުރަތަމަ މެޗުގައި ހިންމަފުށިން 2-1 އިން ބޮޅު ކޮމިއުނިޓީ ބަލިކުރި އިރު، ހިންމަފުށީގެ ގޯލުތައް ޖަހައިދިނީ ޔާސިރާއި ޖައިލަމްއެވެ. ބޮޅު ކޮމިއުނިޓީގެ ގޯލު ޖަހައިދިނީ އިޖުހާދެވެ.
ރޭ ކަންމަތި އެފްސީން ގާފަރު ކައިރީ ބަލިވީ 2-1 އިންނެވެ. ގާފަރުގެ ދެ ގޯލު ޖަހައިދިނީ ޝަފީ އުމަރެވެ. ކަންމަތީގެ ގޯލު ޖަހައިދިނީ އިބްރާހީމް ސިނާހެވެ. ބްލެކް އީގަލްސްއިން ކުޅުނު މެޗުގައި ކަންމަތި އެންޖީ ބަލިކުރީ 8-2 އިންނެވެ. ބްލެކް އީގަލްސްގެ މުހައްމަދު ފާރިޝް އާދަމް މެޗުގައި ހަތަރު ގޯލު ޖެހި އިރު، މުހައްމަދު ޔަފާއު ހެޓްރިކް ހެދިއެވެ. އަނެއް ގޯލު ޖަހައިދިނީ އަލީ މައުމޫނެވެ.
ކަންމަތީ އެންޖީގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ނިހާނާއި މުހައްމަދު މާހިލް ސަވާރެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މި މުބާރާތުގައި މިއަހަރު 14 ޓީމަކުން ވާދަކުރެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނޭނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:15 - ބޮޅު ކޮމިއުނިޓީ - ކަންމަތީ އެންޖީ
21:10 ޓީމް ކޭވީ - އެއިޓް ޓު ނައިން އެފްސީ
22:05 ބްލެކް އީގަލްސް ޖޫނިއާ - އެމްޕަޔާ އެސްސީ
23:00 ހުދުރަންފުށި - އެޕޮކަލިޕްސް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް