ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ރާއްޖެ ގެނައުމުގެ ޖަރީމާ ހިންގީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

އަދި އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާވެސް އެކުކަމަށްވާތީ، އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީ ވުމަށް ގޮވާލާފައިވެއެވެ.

"މިޖަރީމާ ހިންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބުދާރީވުމަށް ގޮވާލަން." ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ލަންކާ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެ ގައުމުގެ ރައީސަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިއުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަގަންޖެހޭނެ ކަމަށެވެ.

ހާއްސަކޮށް ރައީސް ސޯލިހާއި ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާ އާއި ޝަމާލާއި، މިނިސްޓަރު ޝާހިދު އެ ޒިންމާ ނަންގަވައި ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައިފައެވެ.