ދުވަހަކީ ހުސްވި އަހަރުގެ އޮގަސްޓްމަހުގެ ފަނަރަވަނަ ދުވަހެވެ. ތާލިބާން ޖަމާއަތުގެ ހަގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަދެގަތުމަށް ތައްޔާރުވަމުންދަނިކޮށް ރައީސް އަޝްރަފް ޣަނީ އަވަސްގޮތަކުން ފިއްލަވައިގެން ގައުމު ދޫކުރައްވައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގަތީއެވެ. އޭނާ ވަޑައިގެންނެވި ތަނެއްވެސް ކުރައްވާ ކަމެއްވެސް ދުނިޔެއަށް ހާމަވެގެންދިޔައީ އެމިރޭޓްސްއަށް ވަޑައިގެންނެވިތާ ދެ ދުވަސްފަހުންނެވެ. މިހާރު އަހަރެއްވަނީ އެވެ. އަދިވެސް އަޝްރަފް ޣަނީ އެހުންނެވީ ދުބާއީގައެވެ. އެމިރޭޓްސްއަކީ ގައުމުތަކުގެ ކުރީގެ ވެރިންނަށް މަރުހަބާކިޔާ ގައުމެކެވެ. ސްޕޭނުގެ ކުރީގެ ރަސްގެފާނު ހުއާން ކާލޯސްއާއި އަނބިކަނބަލުން ސޯފިޔާވެސް އަބޫދާބީގައި ތިއްބަވާތާ ދެއަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ.

ޕާކިސްތާނުގެ ކުރީގެ ޚުދުމުޚުތާރުވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝަރައްފު ވެސް ދުބާއީގައި ހުންނަވާތާ ހަޔެއްކަ އަހަރުވެއްޖެއެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ މަންޒިލަކަށްވެސް ވާނީ އެމިރޭޓްސްއެވެ. ދުބާއީ ނުވަތަ އަބޫދާބީއެވެ. ރާޖަޕަކްސާ އާއިލާއަށް ނިސްބަތްވާ ގެދޮރާއި މުދާ އެމިރޭޓްސްގައި އެބަހުއްޓެވެ. ވެރިކަމުން ވަކިވާ ބޭފުޅުން ގައުމު ދޫކުރައްވައި އެހެން ގައުމުތަކުގައި ދިރިއުޅުން އާރާސްތު ކުރުމަކީ އައުކަމެއް ނޫނެވެ. އެެއީ ހިނގާ ކަމެކެވެ. ހިނގަމުން އަންނަ ކަމެކެވެ. ހިނގަމުންދާނެ ކަމެކެވެ. އިނގިރޭސިވިލާތާއި އެމެރިކާޔާއި ސިންގަޕޫރާއި އިންޑިޔާއާއި ދެކުނު އެފްރިކާޔާއި ބްރެޒިލްއަކީ ކުރީއްސުރެވެސް ގައުމުތަކުގެ ކުރީގެ ވެރީންނަށް އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން އައި ގައުމުތަކެވެ.

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރުން ކަމުގައިވާ ތަކްސިން ޝިނަވަޓްރާޔާއި ޔިންގްލުކް ޝިނަވަޓްރާވެސް މައިގަޑު ގޮތެއްގައި އުޅުއްވަނީ ދުބާއީގައެވެ. ބައެއްފަހަރު އިނގިރޭސިވިލާތާއި ޖަރުމަނީޔާއި ޗައިނާޔާއި ސިންގަޕޫރުންވެސް ފެނެއެވެ. އެއީ އަދި މިދެބޭފުޅުންގެ މައްޗަށް ތައިލެންޑުގެ ކޯޓުތަކުން އެކިވަރުވަރުގެ ހުކުމްތައް އިއްވާފައިވަނިކޮށެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެހުންނެވީ މިހާރުވެސް އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. ސައޫދީ އަރަބިޔާގެ ޖިއްދާޔަކީވެސް ނަވާޒު ޝަރީފު އެތައް އަހަރެއް ވަންދެން އުޅުއްވި ތަނެކެވެ. ޖިއްދާޔަކީ ޔޫގެންޑާގެ ކުރީގެ ވެރިޔާ އީދީ އަމީނުވެސް އުޅުއްވި ސަހަރެވެ. ފިލިޕީންސްގެ ކުރީގެ ރައީސް މާކޯސްއާއި އީރާނުގެ ކުރީގެ ރަސްގެފާނު ޝާހު ޕެހެލަވީ އުޅުއްވީ އެމެރިކާގައެވެ. މި ލިސްޓު މިހެންގޮސް ވަރަށް ދިގު ކުރެވިދާނެއެވެ.

ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާޔާއި އަނބިކަނބަލުން ލޯމާ ރާޖަޕަކްސާ ރޭގެ ވަގުތެެއްގައި ގައުމު ދޫކުރައްވައި ކޮންމެވެސް ތާކަށް ވަޑައިގެންފިއެވެ. ބައެއް މީހުން ބުނެއެވެ. އެ ގައުމަކީ ދިވެހިރާއްޖެއެވެ. ވެދާނެއެވެ. އެކަމަކު ޔަގީންވާ ކަމަކީ ރާޖަޕަކްސާގެ ދާއިމީ މަންޒިލަކަށް ދިވެހިރާއްޖެ ނުވާނެ ކަމެވެ. އެހެންތަނަކަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގައި ޓްރާންސިޓް ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖެ އޮންނަނީ ސްރީލަންކާޔާއި ނުހަނު ގާތުގައެވެ. ދިވެހިރާއްޖޭގެ ރަށްތައް ކުދިކަމާއި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައިވާގޮތާއި މިހެންގޮސް ތަފާތު އެތަކެއް ސަބަބުތަކާހެދި ގޮޓާބަޔާގެ ދެކަނބަލުންނަށް ރާއްޖޭގައި ނުތިއްބެވޭނެއެވެ. ނުތިއްބަވާނެއެވެ. އެދެކަނބަލުންގެ ދާއިމީ މަންޒިލަކަށްވާނީ އެމިރޭޓްސްއެވެ. ނުވަތަ އެމެރިކާއެވެ.

ގޮޓާބަޔާއަކީ އެމެރިކާގެވެސް ރައްޔިތެކެވެ. އޭނާއަށް އެމެރިކާގެ ޕާސްޕޯޓް އޮވެއެވެ. ސްރީލަންކާގެ ރައީސްކަމަށް ވަޑައިގަތުމަށްފަހުވެސް އެމެރިކާގެ ސިޓިޒަންޝިޕް ދުލެއް ނުކުރައްވައެވެ. އެހެންވީމާ ގޮޓާބަޔާ އެގައުމަކަށް ނިސްބަތްވާ އެމެރިކާޔަށް މިސްރާބު ޖެއްސެވުމަކީ ވެދާނެ ކަމެކެވެ. ގޮޓާބަޔާގެ އިތުރުން އޭނާގެ ކޮއްކޮ އަދި ކުރީގެ މާލީ ވަޒީރު ބަސިލް ރާޖަޕަކްސާއަށްވެސް އެމެރިކާގެ ސިޓިޒަންޝިޕް އޮވެއެވެ. އެހެންވީމާ ބަސިލްވެސް ވަޑައިގަތުން ގާތީ އެމެރިކާއަށެވެ. ގޮޓާބަޔާ ރާޖަޕަކްސަ ސްރީލަންކާ ދޫކުރައްވައި ބޭރަށް ވަޑައިގެންނެވި ކަމަށްވިޔަސް އަދިވެސް އެއީ ސްރީލަންކާގެ ރައީސެވެ. ބާރުތަކުގެ ވެރިޔާއެވެ. އެހެންވީމާ އެމަގާމުގައި ދެމިހުންނެވިހާ ދުވަހަކު އޭނާއާމެދު ބައިނަލްއަގުވާމީ މުޖުތަމައުން ކަންކަން ކުރާގޮތް ތަފާތުވާނެއެވެ.

ގަބޫލުކުރެވިފައިވާ ގޮތުން ގޮޓާބަޔާ ރާޖަޕަކްސާ މިއަދު އިސްތިއުފާ ދެއްވާނެއެވެ. ޚުދު އޭނާވެސް ވިދާޅުވެފައިވަނީ އެހެންނެވެ. އިސްތިއުފާ ދެއްވައިފިނަމަ މިވަގުތަކަށް ރާޖަޕަކްސާ ޑައިނާސްޓީގެ ވެރިކަން ނިމުނީއެވެ. އެކަމަކު އެއްކަމެއް ހަނދާނުގައި ބެހެއްޓެވުން އެދެވިގެންވެއެވެ. މިއީ އޭޝިއާއެވެ. ޚާންދާނުތަކުގެ ބާރަށް ނިމުމެއް ނާންނަ އޭޝިއާއެވެ. މިސާލެއްގެ ގޮތުގައި ޕާކިސްތާނާއި ފިލިޕީންސް ނަންގަވާށެވެ. ރާޖަޕަކްސަ ޚާންދާނަށް ތަބާވާ އެތައް މިލިޔަން ބަޔަކު އަދިވެސް ސްރީލަންކާގައި އެބަތިއްބެވެ. އެހެންވީމާ ސިޔާސީ މަރަކުން ރާޖަޕަކްސާ ޚާންދާނު މަރުވީކަމަށް ނުނިންމޭނެއެވެ. އަހަރުތަކެއް ފަހުން މި ޚާންދާނުގެ އައު ޖީލެއްގެ ޒައާމަތުގެ ދަށުގައި ވެރިކަންވެސް ހޯދައިފާނެއެވެ. މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާޔަކީ އެގޮތުން ވެރިކަމަށް ވަޑައިގެންފާނެ ބޭފުޅެކެވެ.