އަދާލަތު ޕާޓީ ދެމި އޮންނާނީ އިސްލާމް ދީނުގެ އުސޫލުތައް ނެގެހެއްޓުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އިމްރާން އެހެން ވިދާޅުވެފައި މިވަނީ، ކ. މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅިގެން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އުސްލާމް ދީނުގެ މަތިވެރި އުސުލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށް ބުންޏެވެ.

އިމްރާން މިހެން ވިދާޅުވި އިރު، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެ މުޅި ގައުމު އެކަމާ ދެކޮޅަށް ނިކުތްއިރުވެސް އަދާލަތު ޕާޓީން އެކަމުގައި ކަންބޮޑުވުން ފާޅުކުރުން ލަސްވެގެންވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ނުބޭއްވުމަށް ގޮވާލައި ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ޗީފް ޖަސްޓިސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ދެ ޖިންސުގެ މީހުން ވަނާތައް ފާޅުކޮށް ރައްޔިތުންނަށް އިތުރު ގެއްލުން ލިބޭ ފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޑރ. އިޔާޒު ވަނީ ބޮޑީބިލްޑިންގެ ނަމުގައި ރާއްޖޭގައި އެކަން ކުރަނީ ކުރިވަރަކަށްވުރެ އެތައް ގުނައެއް ގޯސްކޮށް ކަމަށާއި މީހުން ދިރިއުޅޭ ރަށެއްގައި ހިންގަން އުޅޭ ހަރަކާތް ހުއްޓާލަންޖެހޭ ކަމަށެވެ.