ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ފުލުހުންގެ ކަސްޓޯޑިއަލް ޖަލަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަން ކަމަށް ބުނެ ދައްކާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ހައްްޔަރުކޮށްފައިވާ މީހުންގެ ވަކީލުންގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ވަކީލުން ވަނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ކަސްޓޯޑިއަލް ޖަލުގައި ތިއްބައި އެތަނަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުންތަކެއް ވަދެ، ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައިވޭތޯ ބަލާފައިވާ ކަމަށް ބުނެފައެވެ. އަދި ބައެއް މީހުންނަށް އިނގިލިން އިޝާރާތްކޮށް ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ، ކަސްޓޯޑިއަލް ޖަލަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަން ކަމަށް ބަންދުގައި ތިބި މީހުންގެ ވަކީލުންނާ ހަވާލާދީ ނޫސްތަކުން ގެނެސްދީފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
އަދި އެއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވެ ރައްޔިތުންގެ ހިތުގައި ފުލުހުންނާއި މެދު ނަފުރަތު އުފެދި، އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމެއް ކަމަށާއި މިފަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު ބައެއް މީހުންނަށް ވަނީ ދެ މަސް ދުވަހުގެ ބަންދެއް ޖަހައިފައެވެ. އަދި ބައެއް މީހުންނަށް 30 ދުވަހުގެ ބަންދުވެސް ޖަހައިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު