ޚަބަރު

ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާއިން ޖޫރިމާނާކުރާ އިސްލާހު މުރާޖައާކުރަން ޕާޓީތަކުން އެދިއްޖެ

މުހައްމަދު އިޝާން

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ސިޔާސީ ޕާޓީތަކުން އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިދިޔަ މަހުގެ އެއްވަނަ ދުވަހު ވިދާޅުވެފައިވަނީ، ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، އެ ފޯމެއް ހުށަހަޅާ ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވެފައިވެއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން އަދި އޭގެ ފަހުން 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ، އެ ފިޔަވަޅު އަޅާނީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް ކަމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިރޭ "ވަން" އަށް ވިދާޅުވީ، ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރަން ހަރުކަށި ފިޔަވަޅު އަޅަން އީސީން ނިންމުން އެކަމާ ޕާޓީތަކުން ރުހުނު ކަމަށާއި ހަރުކަށި ފިޔަވަޅު އަޅައިގެން ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރަން ހުރިހާ ޕާޓީތަކުން އެދިފައިވާ ކަމަށެވެ.

"އެކަމަކު މިހާރު ބައެއް ޕާޓީތަކުން އެބަ ބުނޭ ތިމަންނާމެންނަށް ރަޖިސްޓްރާއެއް ނުލިބޭނެއޭ. ރަޖިސްޓްރާގެ ވަޒީފާ އަދާކުރަމުންދާ މީހުން އެ ވަޒީފާގައި ތިބެން ފަސްޖެހޭނެ ކަމަށް. އެއީ ޖޫރިމާނާގެ އަދަދު ބޮޑުވުމުން. ޕާޓީތަކުން މިހާރު އެދިފައިވަނީ ޖޫރިމާނާގެ އަދަދު އިލެކްޝަންސް ކޮމިޝަނުން މުރާޖައާކުރުމަށް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރުމަށް ޖޫރިމަނާކުރުން ފިޔަވައި އެހެން ގޮތްގޮތުން އެކަން ހައްލުކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއެކު ބައްދަލުވުމެއް ބާއްވައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އީސީން މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ، ހުރިހާ ޕާޓީތަކުންވެސް ވަގު ފޯމު ހުށަހަޅާ ކަމަށާއި އެގޮތުން އެ މައްސަލަ އެންމެ ބޮޑަށް ދިމާވާން ފެށީ ޕާޓީތަކަށް ފައިސާ ދޫކުރަން ފެށި ހިސާބުން ކަމަށެވެ. އެއީ 2018 ވަނަ އަހަރެވެ.

އޭނާ ވިދާޅުވެފައިވަނީ އެންމެ ގިނައިން ވަގު ފޯމު ހުށަހަޅާފައިވަނީ ޕީޕީއެމާއި އެމްޑީޕީން ކަމަށެވެ.

2018 އިން 2022 އަށް ޕާޓީތަކުން ވަގު ފޯމު ހުށަހެޅި އަދަދު

  • ޕީޕީއެމް: 391
  • އެމްޑީޕީ: 213
  • މޯލްޑިވްސް ލޭބާ ޕާޓީ: 145
  • ޖުމްހޫރީ ޕާޓީ: 144
  • އެމްޑީއޭ: 74
  • އަދާލަތު ޕާޓީ: 66
  • އެމްޓީޑީ: 63
  • އެމްއާރުއެމް: 30
  • ޑީއާރްޕީ: 13
  • ޕީއެންސީ: 12

ޒަކަރިއްޔާ ވިދާޅުވެފައިވަނީ ޕާޓީތަކުން ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމަކީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދޫކުރުން ކަމަށެވެ. ނޫނީ އެއްކޮށް ޕާޓީތަކަށް ފައިސާ ދިނުން ހުއްޓައިލުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އީސީން ވަނީ އެގޮތަށް ގާނޫނު އިސްލާހުކުރަން އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅައިފައެވެ. އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅާނެ ކަމަށް އީސީން ބުނެއެވެ.