މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ކާރެއް ކޮންޓްރޯލުން ނެއްޓި، ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދިޔަ އެކަކުގެ ހާލު ކުރިއަށްވުރެ ރަނގަޅުވެ، ވޯޑަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ވޯޑަށް ބަދަލުކޮށްފައިވަނީ ފިރިހެނެއް ކަމަށްވެސް ވިދާޅުވިއެވެ.
އަނެއް ތިން މީހުންނަށް އައިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ޖުމުލަ ހަ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭގެ ތެރެއިން އެކަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައިވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރިޔަމް އަމާނީ ރަޝީދު، 23، އެވެ.
އެ އެކްސިޑެންޓުގައި ކާރުގެ ފަހަތްކޮޅު އެއްކޮށް ފުނޑުފުނޑުވެފައިވާ އިރު، ބަހަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ އާއިލާ މީހުންނާއެކު ކާރު ދުއްވަން ނުކުމެ އުޅުމުގެ ތެރޭގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނަށް ކަމަށްވެސް އެނގިފައިވެއެވެ.
އެ އެކްސިޑެންޓު ހިނގި ވީޑިއޯއިން ފެންނަނީ ވާރޭ ވެހެމުންދިޔަ ވަގުތެއްގައި، ރަތްކުލައިގެ ކާރެއް ވަރަށް ބާރަށް ދުއްވާފައި އަންނަނިކޮށް ކާރު، ކޮންޓްރޯލުން ނައްޓާލައި، ކަހާލައިގެން އެނބުރެމުން އެނބުރެމުން ގޮސް އެހެން ކާރެއްގައި ޖެހުމަށްފަހު، އެމްޓީސީސީ ބަހެއްގެ ކުރީކޮޅުގައި ޖެހޭތަނެވެ.
ރަތް ކުލައިގެ ކާރު މާފަންނާވީ ކޮޅުން ހެންވޭރާވީ ކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލައިނުންނެވެ. އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކް ބަހެއް ވެސް ދިޔައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގައެވެ.
ކަސްރަތަށް ނުކުމެ އުޅުނު ދެމީހަކުވެސް ކާރު ދުއްވާފައި އައި ލޭނުން ދުވަމުން ދިޔަ މަންޒަރު ފެނެއެވެ. އެ ދެމީހުންގެ ގައިގައިވެސް ކާރު ނުޖެހުނީ ކިރިޔާއެވެ. އެކްސިޑެންޓްވުމުން ވަގުތުން އެ ދެމީހުން އެހީތެރިވާން ދިޔަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު