މާލޭ ސަރަހައްދުގައި ދެމުންދާ ބަސް ދަތުރުތަކުގެ ހިދުމަތުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ބުނީ، ބަދަލު ގެނެސްފައިވަނީ މާލޭގެ ވެސްޓް ޕާކުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސް ދަތުރާއި، މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސް ދަތުރުތަކުގެ ގަޑިތަކަށް ކަމަށެވެ.

އެގޮތުން އެ ދަތުރުތަކުގެ ގަޑި މެންދަމު 00:15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި އެ ބަދަލާއެކު މެންދަމު 12:00ގެ ޑިއުޓީ ނިންމާފައި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދެން ބަދަލުތަކެއް ގެނެސްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކުރާ ބަސް ދަތުރުތަކުގެ ޝެޑިއުލަށެވެ. އެއީ ކުރިން ކޮންމެ އެއް ގަޑިއިރަކުން އެއާޕޯޓަށް ބާއްވާ ބަސް ދަތުރު މިހާރު ކޮންމެ 30 މިނިޓަކުން ބާއްވާ ގޮތަށެވެ.