ޚަބަރު

އީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިންމު: ސިޔާމް

އީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރަން ލިބޭ ފުރުސަތަކަށްވީ ހިނދު އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

އަޟްހާ އީދު ދުވަހާ ގުޅިގެން ސިޔާމް ދެއްވި ހިތާބުގައި ވަނީ އެމްޑީއޭގެ މެމްބަރުންނާއި، އެންމެހައި ދިވެހި ރައްޔިތުންނަށް އީދުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި އިސްލާމީ އުންމަތުގެ އެންމެހައި އަހުންނާއި އުހުތުންނަށް އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ސިޔާމްގެ ހިތާބުގައި ވިދާޅުވީ އަޟްހާ އީދަކީ ހައްޖުގެ އަޅުކަމާ ގުޅިގެން އަންނަ މުނާސަބާއެއް ކަމުގައި ވީހިނދު ހައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ބާރުއަޅައި އަދި ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަމަށް އިސްކަންދޭ ދީނެއްކަން ސާބިތުވާ ކަމަށާއި އެހެންކަމުން، ދިރިއުޅުމުގައިވެސް މި އުސޫލުތައް ހިފެއްޓުމަށް އިލްތިމާސްކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އީދުގެ އުފާފާޅުކުރުމުގައި އިސްލާމް ދީނުގެ އުސޫލުތަކާއި، މުޖުތަމައުގެ އަހުލާގީ ހަމަތަކުން ބޭރުނުވުމަށް އެންމެހައި ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި އީދުގެ އުފާފާޅުކުރުމުގައި މުޖުތަމައުގެ ހުރިހާ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށްގެންދިއުމަށް އަޅުގަނޑު ގޮވާލަން،" ސިޔާމްގެ ހިތާބުގައި ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އީދަކީ އަޅާލުމާއި އޯގާތެރިކަން އިސްކުރުމުގެ ފުރުސަތެއް ކަމުގައިވީ ހިނދު، ލިބިފައިމިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.