މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މާލޭގައި އަނެއްްކާވެސް ނައިޓް މާކެޓެއް ބާއްވަން އިއުލާނުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން އިންތިޒާމުކުރާ ނައިޓް މާކެޓް ރާވައި، ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ހުށަހަޅަން އެދިފައިވެއެވެ. ނަމަވެސް ނައިޓް މާކެޓު ބާއްވާ ސީދާ ތާރީހު އަދި މުއްދަތު އެ އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އެ ނައިޓް މާކެޓާ ގުޅޭގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިޓް މާކެޓް ބާއްވަން އިއުލާންކޮށްފައިވީ ނަމަވެސް، އެ ނައިޓް މާކެޓް ބާއްވާނީ މާލޭ ސިޓީގައި ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރި ވަރަށް މަދުވީ ދުވަހަކުން ކަމަށެވެ. އަދި ކޮވިޑާއި ޑެންގީ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލޭ ސިޓީގައި ނައިޓް މާކެޓެއް ނުބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މިދިޔަ ރޯދަމަހަށް ވެސް ނައިޓް މާކެޓެއް ބާއްވަން ރާވައި އިއުލާނުކުރިއެވެ. ނަމަވެސް ވަގުތު ނެތުމުގެ ސަބަބުން އެ ނައިޓް މާކެޓް ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލުން ފަހުން ވަނީ ނިންމައިފައެވެ. އޭގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހު ވެސް ނައިޓް މާކެޓެއް ބާއްވާފައިވެއެވެ.

ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާ އިރު، އެއްވުންތަކާއި ހަފުލާތަކާއި ނައިޓު މާކެޓުތަކާއި ފެއާތައް ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައެވެ.