ގއ. ދާންދޫގައި އީދު މަޅި ރޯކުރުމުގެ ތެރޭގައި ދެ މީހަކު ފިހިއްޖެއެވެ.

ދާންދޫ ކައުންސިލުގެ މެމްބަރު ނަސްރާ އަލީ "ވަން" އަށް މިރޭ ވިދާޅުވީ، އީދު މަޅި ރޯކުރުމުގެ ތެރޭގައި ދެ މީހަކު ފިހިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ބޮޑަށް ފިހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޕެޓްރޯލް އަޅައި އީދު މަޅި ރޯކުރިއިރު މަޅީގެ އަނެއް ފަރާތުގައި ދެ މީހުން ތިބިކަން އޭރު ނޭނގޭ ކަމަށެވެ.

ނަސްރާ ވިދާޅުވީ، އޭގެ ތެރެއިން އެކަކަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހާ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

ނަސްރާ ވިދާޅުވީ، އެޑްމިޓް ކޮށްގެން އުޅޭ މީހާގެ އަތް ވަރަށް ބޮޑަށް ފިހިފައިވާ އިރު، ބޮލުގެ ބައެއް ވެސް ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ. އޭނާގެ ގައިގެ އެހެން ތަންތަން ވެސް ފިހިފައިވާ ކަމަށާއި ނަމަވެސް އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވުމަށް އަދި ނިންމައިފައިނުވާ ކަމަށެވެ.

"އެ ކުއްޖާ ވަރަށް ބޮޑަށް ފިހުނު، އަޅުގަނޑުމެން ދިޔައީނަ ބުނީ، ވަރަށް ގަދަޔަށް ދިލަނަގާކަމަށް،" ނަސްރާ ވިދާޅުވިއެވެ.

ނަސްރާ ވިދާޅުވީ، ކައުންސިލުން އީދު ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް އީދު މަޅި އަކީ ކައުންސިލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއް ނޫން ކަމަށެވެ.