ދިވެހިންނަކީ އަބަދުވެސް ލިބޭ ޗުއްޓީތަކާއި ބަންދުތަކުގައި ކޮންމެވެސް ތަނަަކަށް ދަތުރުކުރާން ލޯބިކުރާ ބައެކެވެ. ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާ މީހުންވެސް މިވަނީ ކުރިޔާ އަޅައިބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއީ، މީހުންގެ ހޭލުންތެރިކަމަށް އައި ބަދަލާއި ޓްރެވެލް އެޖެންސީތައް ވުޖޫދުވެ، ދަތުރުތައް އިތުރަށް ފަސޭހަވުމާވެސް އެކުއެވެ.

މިމަހަކީ، މިއަހަރުގައިވެސް އެންމެ ގިނަ ބަންދު ދުވަސްތައް ލިބޭ މަހެވެ. އެގޮތުން، އީދު ބަންދާ ދިމާކޮށްވެސް ހަފުތާ ބަންދު ލައިގެން 11 ދުވަހުގެ ބަންދެއް ލިބެއެވެ. އަދި މިނިވަން ދުވަހާ ގުޅުވައިގެންވެސް ފަސް ވަރަކަށް ދުވަހުގެ ބަންދެއް ލިބެއެވެ. މިއަހަރުގެ ސްކޫލު ބަންދުވެސް ދިމާވެފައި މިވަނީ އީދު ބަންދާއެވެ. އެހެންވެ، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތާއި އެތެރޭގެ ދަތުރުތައްވެސް މިވަނީ އިތުރުވެފައެވެ. ޓްރެވެލް އެޖެންސީތަކަށް ބާރު ބޮޑުވެ، ފްލައިޓްތައް މިވަނީ ފުރިފައެވެ.

މިއަހަރުގެ އީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ގިނަ ދިވެހިން ދަނީ ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެގޮތުން މި ބަންދުގައި ގިނަ ދިވެހިން އިންޑިއާއަށް ދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ބޭސް ފަރުވާއަށް އެގައުމަށްދާ މީހުންނެވެ.

"ހުރިހާ ފްލައިޓެއް އުޅެނީ ފުލްކޮށް. އާއްމުގޮތެއްގައި ގިނަ ދިވެހިން މި ދަތުރުކުރަނީ މެލޭޝިޔާ، ޓާކީ، ދެން ސްރީލަންކާއަށް ވަރަށް މަދުން، ދެން އިންޑިއާއަށް. ދެން ރަޝިއާއަށް" ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީ އޭސް ޓްރެވެލް މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި، މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 15،000 ދިވެހިން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން 6،000 ދިވެހިންނަކީ އޭސް ޓްރެވެލްސް މެދުވެރިކޮށް، ދަތުރުކުރާނެ ފަރާތްތައް ކަމަށް ވިދާޅުވިއެވެ.

"އާއިލާތައްވެސް، އަދި ވަކިވަކި ފަރާތްތައްވެސް އެބަ ދަތުރުކުރޭ. އެވްރެޖުކޮށް ދިހަ ވަރަކަށް ދުވަހު އެބަ ހޭދަކުރޭ ބޭރުގައި" ފިރާގު ވިދާޅުވިއެވެ.

ޓްރެވެލް އެޖެންސީއެއް ކަމަށްވާ ފަތުރުވެރިން މެދުވެރިކޮށްވެސް، މިމަހު އެންމެ ގިނަ ބަޔަކު ބުކިން ހައްދާފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ. ފަތުރުވެރިންގެ ޑިރެކްޓާ އޮފް ސޭލްސް ފާތިމަތު ލަމާ ލަތީފް ވިދާޅުވި ގޮތުގައި، އީދު ބަންދާ ދިމާކޮށް ބުކިންތައް އުޅެނީ ވަރަށް ފުލްކޮށެވެ. އެ އެޖެންސީ މެދުވެރިކޮށް އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކީ، ތުރުކީ، ޔުނައިޓެޑް އެރެބި އެމިރޭޓްސް (ޔޫއޭއީ) އަދި މެލޭޝިޔާއެވެ.

"މި ގައުމުތަކަށް މި ދަތުރުކުރަނީ ގިނަ ގައުމުތައް ހުޅުވާލިޔަސް ދަތުރުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރީމަ. ބައެއް ގައުމުތަކުގައި ރެސްޓްރިކްޝަންސް ވަރަށް ގިނަ. އެހެންވެ، ދިވެހިންނަށް ފަސޭހައިން އެތެރެ މިވެވެނީ، އޭޝިއާއިން ނަމަ އިންޑިއާ ސްރީލަންކާ ދުބާއީ މެލޭޝިއާ، ތައިލެންޑާއި ބާލީއާއި ވިއެޓްނާމާއި ސިންގަރޫޕް ޕިލިޕީސްއަށް. ޔޫރަޕުން ތުރުކީ، ޔޫކޭ ޖާމަނީ، ގްރީސްއަށް، އޯޝޭނިއާއިން އޮސްޓްރޭލިއާއަށް، އެފްރިކާއިން އިޖިޕްޓް، އަދި ޖޯޑަންއަށް" ލަމާ ވިދާޅުވިއެވެ.

ލަމާ ވިދާޅުވި ގޮތުގައި ފަތުރުވެރިން މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ދިވެހިން އެވްރެޖުގޮތެއްގައި 10-15 ދުވަސް ރާއްޖެއިން ބޭރުގައި ހޭދަކުރެއެވެ. ފަތުރުވެރިން މެދުވެރިކޮށް ކްލަޔަންޓް ބޭނުންވާ ގޮތަކަށް ދަތުރު ކަސްޓަމް ކުރެވޭނެއެވެ. އެހެންވެ، އެ އެޖެންސީން ދަތުރުކުރާ ކްލަޔަންޓުންގެ ފަރާތުން ލިބެނީ ވަރަށް ޕޮޒިޓިވް ފީޑްބެކެކެވެ.

"އެންމެ ބޮޑު އިސްކަމެއް މިދެނީ ކްލިޔަންޓުން ބޭނުންވާ ގޮތަކަށް ދަތުރު ފަރުމާ ކުރަން. އަޅުގަނޑުމެން އެއްވެސް ކްލަޔަންޓަކަށް މިސް އިންފޮމޭޝަނެއް ނުދޭނެ" ލަމާ ވިދާޅުވިއެވެ.

ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރިޕްވެރިން މެދުވެރިކޮށްވެސް މި ބަންދުގައި އެންމެ ގިނަ ބަޔަކު ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ދުބާއީ، ތުރުކީ އަދި އިޖިޕްޓު ހިމެނެއެވެ.

އީދު ބަންދާއި ސްކޫލު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާއިރު، އަތޮޅުތަކަށް ދަތުރުކުރާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ޑޮމެސްޓިކް އެއާޕޯޓުތަކަށް 3،300 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އެއާޕޯޓުގެ އިތުރުން ދަރަވަންދޫ އެއާޕޯޓަށެވެ.