އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 02

އަބްދުﷲ ފާރޫގް ހަސަން

1

(1 ޖުލައިގެ އަދަދާ ގުޅޭ)

މަޢާފްކުރައްވާށެވެ. އަޅުގަނޑު މިއުޅެނީކީ ތުރުކިއޭއިންގެ ތާރީޚު ލިޔާކަށެއް ނޫނެވެ. އިސްލާމީ ތާރީޚުގެ ވަރަށްބޮޑު ބަޔަކަށް ބަޔެއްގެ ވާހަކަ ފެތުރިފައިވާ ބުޠޫލަތްތެރި ތުރުކިއޭއިންގެ ތާރީޚުގެ ތެރެއަށް ފީނައި އެކިކަފިތައް ގުޅުވާކަމެއް ނޫނެވެ. އަޅުގަނޑު މިއަދު ގަލަން ނަގައިގެން މިއުޅެނީ ތުރުކިއޭއަށްދާން އިއްތިފާޤުން އަޅުގަނޑަށް ލިބުނު ފުރުޞަތެއްގައި އަޅުގަނޑަށް ފެނުނު ބައެއް ތަންތަނާ ބެހޭގޮތުން ވާހަކަކޮޅެއް ލިޔެލެވޭތޯއެވެ. عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާ ދެކެލަން އަޅުގަނޑު ޝައުޤުވެރިވި ސަބަބު ވިސްނިވަޑައިގަންނަވާވަރުގެ ލިޔުންކޮޅެއް ލިޔެލެވޭތޯއެވެ. އެހެންކަމުން، އެއްކަމެއް އަނެއްކަމަކާ މާބޮޑަށް ގުޅުވައިލެވިފައެއް ނުހުންނާނެއެވެ.

ތުރުކިއޭއަށްދާން ފުރުސަތު ލިބުމުން އަޅުގަނޑު އެންމެ ދެކެލާހިތްވީ أبــــو أيّـــوب الأنـصــارى رضـى اللّــه عــنـــه ގެ މަޒާރެވެ. سلطـــان محمّـد الـفـاتـح ގެ މަޤްބަރާއާއި خـيـــرالـدّيـــن ބަރުބަރޯސާގެ މަޤްބަރާއެވެ. ނަމަވެސް خـيـــرالـدّيـــن ގެ މަޤްބަރާ މިހާރު ހުންނަކަމަށްވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މުސްލިމުންގެ އެ ފަޚުރުވެރި ނޭވީ ކޮމާންޑަރގެ މަޤްބަރާ ހަމައެކަނި ބޭރުން ބަލައިލާކަށެއް އަޅުގަނޑު ނުދަމެވެ. އެކަމަކު އަޅުގަނޑުގެ މިލިޔުމުގައިވެސް އޭނާގެ ޚިދުމަތަށް ކޮންމެވެސް ވަރަކަށް އަލިއަޅުވައިލާނަމެވެ. (إنشــاء اللّـــه)

އުރުޠުޣުރަލްގެ މަސައްކަތްޕުޅު

17 މޭ 2022 ދުވަހުގެ މެންދުރުފަސް އަޅުގަނޑުމެން ޚާއްޞަކުރީ عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާ ބަލާންދާށެވެ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި ދަރިފުޅާ އެ މަޤްބަރާއަށް ގެންގޮސްދިނީ އަޅުގަނޑުގެ އަންހެނުންގެ ކޮއްކޮ محمّـد نـبـيــل އެވެ. އޭނާގެ ކާރުގައެވެ. نـبـيــل އަކީ ވަރަށް ފޮތްކިޔަން ޝައުޤު ހުންނަ ފޮތްތެރި ކުއްޖެކެވެ. ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި އަދި އެނޫންވެސް އެތައް ރޮނގަކުން އޭނާގެ މަޢުލޫމާތު ވަރަށް ތަނަވަހެވެ. އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފަސޭހައެކެވެ.

މިހައިތަނުން އަޅުގަނޑު ޖެހެނީ ޢުޘްމާނީ ތުރުކިއޭއިންގެ ތާރީޚަށް ކޮންމެވެސްވަރަކަށް ބަލައިލާށެވެ. ކުރީންވެސް ދެންނެވި ފަދައިން އަޅުގަނޑުގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ތުރުކިއޭގެ ތަފްސީލީ ތާރީޚެއް ލިޔުމެއް ނޫނެވެ. މި މަޒުމޫނު ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑަށް ފެނުނު ބައެއް ތަންތަން ތަޢާރުފުކޮށް އެރުވުމެވެ. އަޅުގަނޑު މި މަޒުމޫނަށް މަޢުލޫމާތު ނެގި އެއް މަރްޖިއަކީ سـيّــد عـبــد الصّـبــور طــارق ލިޔުއްވި ޢުޘްމާނީ ތުރުކިއޭއިންގެ ތާރީޚެވެ. އެފޮތުގެ އިތުރަށް ޕަންޖާބު ޔުނިވަރސިޓީ ގެ ދާއިރަތުލް މަޢާރިފު އިސްލާމީ އާއި ދާރުއްސަލާމުގެ އިސްލާމީ ފުތޫޙާގެ އެޓްލަހުން ވެސް މަޢުލޫމާތު ނެގީމެވެ. އަޅުގަނޑުގެ އެކުވެރި އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ އާއި އަޅުގަނޑުގެ ކޮއްކޮ އަލްއުސްތާޒު އަހްމަދު މާޖިދު ވެސް އަޅުގަނޑަށް އެހީތެރިވެދެއްވިއެވެ. އެދެބޭފޅުން ވަނީ އަޅުގަނޑަށްވުރެ ކުރީން ތުރުކިއޭއަށް ވަޑައިގެންފައެވެ.

މީލާދީން ތޭރަވަނަ ސައްތައިގެ މެދުތެރޭގެ ހާދިސާއެކެވެ. ތުރުކިއޭއިންގެ ބައެއް ޤަބީލާތައް ޗަންގީޒުޚާނުގެ އަނިޔާވެރިކަމާހުރެ ބިރުން އެބައިމީހުންގެ ވަޒަން ދޫކޮށްލައިފައި އެކިދިމަދިމާޔަށް ހިޖްރަކުރާން ފެށިއެވެ. އޭގެތެރޭގައި އަޢުޒު (Oghuz) ޤަބީލާގެ ގޮފިތައްވެސް ހިމެނެއެވެ. އެބައިމީހުންގެ ވަޒަން ޚުރާސާން ދޫކޮށްލުމަށްފަހު ވަގުތީގޮތުން ދުވަސްކޮޅަކު އަރުމީނާގައި މަޑުކުރިއެވެ. އެއަށްފަހު އަރުމީނިޔާވެސް ދޫކޮށްލުމަށްފަހު ދަތުރުކުރީ ޝާމުކަރަޔާ ދިމާޔަށެވެ.
އެ ޤަބީލާގެ ވެރިޔާ سـليمـان شــاه ވެރިކަމުގެ ދަށުގައެވެ. ދަތުރުމަތީގައި ދިމާވި އިއްތިފާޤަކުން سـليمـان شــاه ފުރާތު ކޯރަށް ޣަރަޤުވެ އަވަހާރަވެއްޖެއެވެ. ނަތީޖާއެއްގެގޮތުން ޤަބީލާގެ ބައެއް މީހުން އަނެއްކާވެސް ވިއްސިވިހާލި ވެއްޖެއެވެ. سـليمـان شــاه ގެ ދަރިކަލުން އުރުޠުޣުރަލާވެސް އެއްބަޔަކު ބައިވެރިވިއެވެ. އެބައިމީހުން ދަތުރުކުރީ ސަލްޖޫޤީ ރަސްކަލެއް ކަމުގައިވާ عـلاءالــدّيـــن كِـيىقـبـــاد ގެ އަރިހުން އޭނާގެ ރަސްކަމުގެ ޙިމާޔަތުގައި އޭޝިޔާކޫޗަކު ނުވަތަ އޭޝިޔާމައިނާގައި ވަޒަންވެރިވުމުގެ ހުއްދަ ލިބޭތޯއެވެ.

މި ޖަމާޢަތް އަންގޯރާގެ ސަރަޙައްދާ ކައިރިޔަށް އައިތަނާ އެއްފަރާތަކުން ވަރަށްބޮޑަށް ހިރަފުސް އުފުލޭތަން ފެނިއްޖެއެވެ. ސަރުދާރު އުރުޠުޣުރަލް ފަރުބަދައެއްގެ މައްޗަށް އަރައިވަޑައިގެން ބައްލަވައިލެއްވުމުން ފެނިވަޑައިގެންނެވީ ހަނގުރާމަ ކުރަމުންދާ ދެލަޝްކަރެކެވެ. އެއްފަރާތެއްގައި މީސްކޮޅު ވަރަށް މަދެވެ. ބައިމަދު ލަޝްކަރު ބަލިވެގެން ފިލައިގެންދާން ތައްޔާރުވަނީއެވެ. އުރުޠުޣުރަލް އެދެފަރާތުގައި ތިބީ ކޮންކޮން ބައެއްކަން ބައްލަވާކަށެއް ބޭނުންފުޅެއް ނުވިއެވެ. ނިކަމެތީންނަށް އެހީވުމަކީ ތުރުކިއޭއިންގެ ޠަބީޢަތެކެވެ. އެހެންކަމުން އޭނާ ނިންމެވީ ބަލިވަމުންދާ ފަރާތަށް އެހީތެރިވެވަޑައިގެންނެވުމުގެ ހިތްވަރުފުޅުގަދަ ކެރޭ ނިންމެވުމެވެ. އޭނާގެ އަރިހުގައިތިބި ހަތަރުސަތޭކަ ސާޅީސްހަތަރު އަސްވާރުނާއިގެން އެއްފަރާތަކުން ލައްވައިފައި ވިދުވަރެއްފަދަ ހަލުވިކޮށް މައިދާނަށް ވެދެވަޑައިގެންފިއެވެ. ގަދަވަމުންދާ ލަޝްކަރަށް ވަރުގަދަ ޙަމަލައެއް ދެއްވައިފިއެވެ. މާގިނައިރެއް ނުވަނީސް އެބައިމީހުންގެ ތަޅުއްވައި ރޯނާކުރައްވައި މައިދާނުން ފިލައިގެންދާން މަޖްބޫރު ކުރައްވައިފިއެވެ. ހަނގުރާމައިގެ ހިރަފުސްއޮބި މައިދާން ސާފުވުމުން އުރުޠުޣުރަލަށް އެނގިވަޑައިގެންނެވީ އޭނާއަށް އެހީވެވަޑައިގެންނެވުނު ލަޝްކަރަކީ އޭނާ އެބޭފުޅެއްގެ ސަރަޙައްދުގައި ވަޒަންވެރިވެވަޑައިގެންނެވުމުގެ އިޒުނަ ހޯއްދަވަން ދަތުރުކުރައްވަމުން ގެންދަވާ عـلاءالــدّيـــن ގެ ލަޝްކަރުކަމެވެ. ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީވެސް ޚުދު عـلاءالــدّيـــن އެވެ. އަނެއް ލަޝްކަރަކީ މުސްލިމުންގެ އެންމެ ނުބައި ދުޝްމިނުން ކަމުގައިވާ މޮންގޯލިޔަނުން (ތާތާރުން) ގެ ލަޝްކަރެއް ކަމެވެ. އެބައިމީހުން އިސްލާމީ ދުނިޔެ ސުންނާފަތިކޮށްލުމަށްފަހު އޭޝިޔާކޫޗަކާ (އޭޝިޔާމައިނާ) އާ ދިމާޔަށް ދަތުރުކުރަނީކަމެވެ.

އަންގޯރާގެ ކައިރި ހިސާބެއްގައި عـلاءالــدّيـــن ސަލްޖޫގީއާއި އުރުޠުޣުރަލާ މިބައްދަލުވެވަޑައިގެންނެވި އާދަޔާ ޚިލާފު އަދި އަޖައިބުކުރުވަނިވި ބައްދަލުވެވަޑައިގެންނެވުމާ ބެހޭގޮތުން މަޝްހޫރު އިނގިރޭސި މުއައްރިޚު ސްޓޭންލީ ލޭންޕޫލް ލިޔުއްވައިފައިވެއެވެ.

"މިބައްދަލުވުމަކީ ބައެއްފަހަރު ޤައުމުތަކުގެ ތާރީޚު އުފައްދައިދޭ އާދަޔާ ޚިލާފު އަދި ހައިރާންކުރުވަނިވި ބައްދަލުވުންތަކުގެ ތެރެއިން ހިމެނޭ އެއްބައްދަލުވުމެކެވެ."

ހަމައެފަދައިން އުރުޠުޣުރަލް عـلاءالــدّيـــن އަށް ވެވަޑައިގެން ދެއްވި ހިތްވަރުފުޅު ގަދަކަމާއި އަދި އެހައިމެ ކެރިވަޑައިގެންނެވުމުގެ ނަމޫނާއެއްކަމުގައިވާ އެހީފުޅާ ބެހޭގޮތުން ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "އުރުޠުޣުރަލްގެ އާދަޔާ ޚިލާފު އަދި ޖެހިލުންވެވަޑައިގެންނެވުމެއްނެތް ނިންމެވުމަކީ ވަރުގަދަ ރަސްކަމެއްގެ ބިންގާ އެޅުއްވުމެކެވެ. ކޮންކަހަލަ ރަސްކަމެއްތޯއެވެ. އެރަސްކަމުގެ ނަސީބުގައިވަނީ އިންތިހާދަރަޖައިގެ ކީރިތި މޫރިތިކަމާއި ހައިބަވަންތަކަން ލިޔެވިފައެވެ. ޚާއްޞަކޮށް އެރަސްކަމުގެ އެންމެ ކުރީކޮޅުގެ ތިންސަތޭކަ ވަރަކަށް އަހަރުއެވެ. އޭގެފަހުންވެސް ތިންސަތޭކަ އަހަރަށްވުރެ ދިގު މުއްދަތަކަށް އެރަސްކަން ދިރިދެމިއޮތެވެ."

سلطـــان عـلاءالــدّيـــن ސަލްޖޫގީ އުރުޠުޣުރަލްގެ މަތިވެރި ހަމްދަރުދީއަށްޓަކައި ޝުކުރުވެރިވެވަޑައިގެންނެވުމުގެގޮތުން އޭނާއަށް ނުހަނު ވިޔަނަ އަދި އެހައި ހިތްގައިމު ސަރަޙައްދެއް ޖާގީރެއްގެގޮތުން ހަދިޔާކުރެއްވިއެވެ. އެ ޖާގީރަކީ ގްރީކު ދައުލަތުގެ ސަރަޙައްދީ ޕްރޮވިންސެއްކަމުގައިވާ ބަތީނިޔާ (Bithynia) އާގުޅިފައިވާ ސަރަޙައްދެކެވެ. ބަތީނިޔާއަކީ ވަރަށް މުހިންމު ޕްރޮވިންސެކެވެ. ގްރީކުންގެ ނުހަނު މުހިންމު ދެސަހަރެއް ކަމުގައިވާ ބުރުސާ (Bursa) އާއި ނައިގިޔާ (Nicaea) ހިމެނެނީ އެ ސަރަޙައްދުގައެވެ. އުރުޠުޣުރަލަށް މި ޖާގީރު ލިބިވަޑައިގެންނެވުމަކީ މަޝްހޫރު ޢިލްމުވެރި ތުރުކިއޭ މުއައްރިޚު އުސްތާޛު ޤަންޠާއީ ވިދާޅުވާގޮތުން ސަލްޖޫގީންގެ އަތުން އިސްލާމީ ޤިޔާދަތުގެ ދިދަ ފިރުކައިގަނެ އެތަކެއް ޤަރުނުތަކެއް ވަންދެން އެމަގާމުގައި ދެމިތިބުމުގެ އެކަށޭނަކަން ޢުޘްމާނީ ތުރުކިއޭއިންނަށް ލިބުމެވެ.

މިތާނގައި އަދިވެސް ވަރަށް ޝައުޤުވެރި ހާދިސާއެއް ނަކަލުކޮށްނުލައި ކުރިޔަށްދާން ވަރަށް އުނދަގުލެވެ. އުރުޠުޣުރަލްގެ ބައްޕަ سـليمـان އަވަހާރަވުމުން އޭނާގެ ޤަބީލާ ވިއްސިވިހާލިވާން ފެށިވާހަކަ އިސްވެދިޔަތާނގައި ވަނީ ބަޔާންކޮށްފައެވެ. އުރުޠުޣުރަލްގެ އަޚުންވެސް އެކަމާހުރެ އެބޭފުޅުންގެ މުސްކުޅި ވަޒަން ޚުރާސާނަށް ވަޑައިގަންނަވަން ދަތުރުފައްޓަވައިފިއެވެ. ނަމަވެސް އުރުޠުޣުރަލް ނުހަނު ސާބިތުކަމާއެކު އޭނާގެ އަޚުންގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ބައްޕަ އެބިމެއް ދޫކޮށްލައްވައިފައިވާ ބިމަކަށް އަޅުގަނޑަށް އެނބުރި ދެވޭނީ ކިހިނަކުންތޯއެވެ؟" އޭނާ އެހެން ވިދާޅުވުމަށްފަހު އޭނާގެ ބަސްގަބޫލުކުރި މީހުންކޮޅު ގޮވައިގެން ވަޑައިގެންނެވީ ހުޅަނގަށެވެ. އޭނާއާ سلطـــان عـلاءالــدّيـــن އާ އާދަޔާ ޚިލާފު ގޮތަކަށް ބައްދަލުވެވަޑައިގެންނެވީ އެދަތުރުފުޅުގައެވެ.

އުރުޠުޣުރަލަށް އެނބުރި އޭނާގެ ވަޒަނަށް ވަޑައިގެންނެވޭނީވެސް ކިހިނަކުންތޯއެވެ. އެހެނީ ޤުދުރަތުން އޭނާގެ ކިބައިން ހިއްޕަވަން ލިޔުއްވައިފައިވަނީ މުޅީން އެހެން ބޭނުމެކެވެ. ޤުދްރަތުން އެދިވޮޑިގެންވަނީ އޭނާ ލައްވައި ނުހަނު ގަދަފަދަ އަދި މުޅިދުނިޔެއަށް އަޑުއަރައިފައިވާ ޢުޘްމާނީ ރަސްކަމުގެ ބިންގާ އެޅުއްވުމަށެވެ. އެދައުލަތުން ވަނީ އިސްލާމްދީނަށާއި އިސްލާމީ އުންމަތަށް ސުމާރެއްނެތްހައިގިނަ އަދި އެހައިމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްފައެވެ. އެދައުލަތުންވަނީ ޔޫރަޕުގެ ވަރަށްބޮޑު ބައެއްގައި ޤަރްނުތަކެއްވަންދެން އިސްލާމީ ދިދަ ވިހުރުވައިފައެވެ. ޔޫރަޕުގެ އަހްލުވެރީންގެ ހިތްތަކުގެ މައްޗަށް އިސްލާމްދީނުގެ މަތިވެރިކަމުގެ ސިއްކަ ހިންގައިފައެވެ. ޙަޤީޤަތުގައިވެސް މާތް اللّـــه ގެ ކޮންމެ ނިންމެވުމަކީ އާދަޔާ ޚިލާފު ނިންމެވުމެކެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ކަމުގައިވާނަމަ އެކަމެއްގެ ސަބަބުތައްވެސް އުފައްދަވައެވެ.

އުރުޠުޣުރަލަށް ލިބިވަޑައިގެންނެވި ޖާގީރުގެ އެންމެބޮޑު ރަށަކީ ސަޣޫތެވެ. (Sogut) އުރުޠުޣުރަލް އޭނާގެ މަރުކަޒަކަށް (ހެޑްކްއޯޓަރަކަށް) ހެއްދެވީ އެރަށެވެ. ސަޣޫތަކީ ވަރަށް ފެހިކަންގަދަ ވިޔަނަ ސަރަޙައްދެކެވެ. ސަޤާރިއްޔާ ކޯރުގެ ވާތްފަރާތުގެ އައްސޭރި އޮތްގޮތަށް ފެތުރިފައިވާ މޮޅު ބިމާއި އަރުމަނީ ފަރުބަދަމަތީގެ ޕްރޮވިންސަކީ އުރުޠުޣުރަލްގެ ސޫފިތަކަށް ވިނަކާންދޭ ބިމެވެ. އުރުޠުޣުރަލާއި އޭނާ ޚުރާސާނާއި އަރުމީނިޔާއިން ގެންނެވި ހިތްވަރުގަދަ ހަނގުރާމަ ސިފައިން އޭގެފަހުން އެތާނގައި އުޅުނީ ރަށްވެހީންގެ ގޮތުގައެވެ.

(ނުނިމޭ)