މިދިޔަ މަހު އެކަނިވެސް ޑެންގީ ޖެހިގެން 294 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކާ ގުޅޭ ގޮތުން އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އިތުރެވެ. އަދި މި އަހަރުގެ މެއި މަހާ އަޅާބަލައި އިރު، މިދިޔަ މަހު ޑެންގީގެ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ. އެެގޮތުން މެއި މަހު 185 ކޭސް ރިޕޯޓްކުރި އިރު، މިދިޔަ މަހު ރިޕޯޓްކުރި އަދަދު ވަނީ 294 އަށް އަރައިފައެވެ.
ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރީގެ ޒަރީއާއިންނެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މަދިރި އާލާވާ މިންވަރު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައި އިރު، އަރިދަފުސްރޯގާ އާއި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާގެ 13,361 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ މަހު ރިޕޯޓްކުރި އަދަދު ވަނީ 21,802 އަށް އަރައިފައެވެ. އަދި ބޭރަށް ހިންގުމުގެ 1824 ކޭސް މިދިޔަ މެއި މަހު ރިޕޯޓްކުރި އިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި 2376 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި އަދަދުވެސް އިތުރުވެފައިވާ ކަމަށް ދައްކައެވެ. އެގޮތުން މިިދިޔަ މަހު 84 މީހުންނަށް އެ ބަލި ޖެހުނު އިރު، އޭގެ ކުރީ މަހު އެ ބަލީގެ 66 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.