ސައްހަ ނޫން ޓެކްސް ކްލިއަރެންސް ރިޕޯޓްތައް ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި މާލީ އިދާރާތަކަށް ހުށަހަޅަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.
ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާ އިން ދޫކުރާ ލިޔުމެކެވެ.
މީރާއިން މިއަދު ބުނީ، "ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފާނެ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރާނެ ގޮތް" ސާކިއުލާގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި އާކުރުމާއި ބަދަލުގެ ނައުމާއި ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި އެ ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނެތްކަން މީރާ އިން ލިޔުމުން ކަށަވަރުކުރުމަށް ބަޔާންކޮށްފައިވާތީ، ސަރުކާރުގެ ގިނަ އިދާރާތަކަށް ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށެވެ.
ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރެވޭނެ ރިޕޯޓެއް ކަމަށާއި އަދި މި ދަނޑިވަޅަކީ އެ ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްހަކަން ޔަގީންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު