"ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް 2020-2030" ގެ އެއްބަސްވުމުގައި އެންވައިރަމެންޓް މިނިސްޓްރީން ކޮމޮން ސީސް ޖަމިއްޔާއާއެކު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެންވަރުމެންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ކޮމަން ސީސްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ސީއީއޯ ޖޯ ރޮއިލްއެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ، ސިންގަލް ޔޫސް ޕްލާސްޓިކް (އެއްފަހަރު ބޭނުންކޮށް އެއްލާލާ ޒާތުގެ ޕްލާސްޓިކް) ރާއްޖެއިން މަދުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސިޔާސަތާ ގުޅުވައިގެން ސޮއިކުރި އެމްއޯޔޫގެ ދަށުން ރާއްޖޭގެ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން 2020-2030" ތަންފީޒު ކުރުމުގެ މަސައްކަތް ކޮމަން ސީސްގެ އެއްބާރުލުމާއެކު ކުރިއަށްދާނެ ކަމަށެވެ.
އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕޯޗުގަލްގެ ކެޕިޓަލް ސިޓީ ލިސްބަންގައި ބޭއްވި "ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022" ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމަން ސީސްއަކީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ޕްލާސްޓިކް ޕޮލިއުޝަންގެ ހައްލު ދެނެގަނެ ސަރުކާރުތަކާއި ކައުންސިލްތަކާއި ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނާ ގުޅިގެން ކޮމަން ސީސް ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނަކީ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ޕްލޭނެކެވެ. އެ ޕްލޭނުގައި ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުންކުރުން ހުއްޓާލުމަށްޓަކައި ހަ ސިޔާސަތެއް އެކުލަވާލައި އެ ސިޔާސަތުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ތަންފިޒުކުރުމުގެ މަސައްކަތް އެންވަޔަރުމެންޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް އެތަކެތި ރާއްޖެއަށް އެތެރެކުރުންވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު