ޅ. ހިންވަރުގައި 100 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ހައުސިން ޔުނިޓުތައް އަޅަން ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާނެވެ. ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އާއި 1،000 އަކަފޫޓުގެ އެއްބުރީގެ 50 ހައުސިން ޔުނިޓެވެ. އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 83.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އިމާރާތުގެ ވަށާފާރާއި ޔުނިޓުތައް ވަށައިގެން އަލިކުރުމާއި އިންފަސޭހަ މައިޒާނަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއްވެސް ގާއިމުކުރާނެއެވެ.