މާލޭ މަގުމައްޗަށް ކުއްތާ ސްކޮޑުގައި ހިމެނޭ ކުއްތާތައް ނެރެގެން ހާއްސަ ތަމްރީނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ކޭ ނައިން (ޑޯގް ސްކޮޑް)ގެ ހާއްސަ ތަމްރީނެއް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ތަމްރީންގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

"ފާރަގެމައިގެ" ނަމުގައި 16 ކުއްތާ ގެނެސްގެން ފުލުހުންގެ ތެރޭގައި ޑޯގް ސްކޮޑެއް އުފެއްދީ 2015 ވަނަ އަހަރެވެ.

ފުލުހުން ވަނީ ކުއްތާތައް ބޭނުންކޮށްގެން ގިނަ އޮޕަރޭޝަންތައް ހިންގައިފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކާއި ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ހިމެނެއެވެ.

ކުއްތާ ބޭނުންކޮށްގެން މާލޭގައި މިއަދު އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، ލިބުނު އިންޒާރަކާ ގުޅިގެން މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށް ސަލާމަތީ ބާރުތަކުން އިއްޔެ ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.