އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ.
އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމީ އުސޫލުތަކާއި އާންމު މިންގަނޑުން ބޭރުވެ، ބަޔަކު އެއްޖިންސުން ގުޅުން ހިންގައި ބަދުއަހުލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ އެޕާޓީން އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ވީޑިއޯތަކުން ފެންނަ ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި މުޖުތަމައަށް ދޫވެފައި ތިބުމަކީ އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް އެމްޑީއޭއިން ބުންޏެވެ.
ލިވާތު ކުރުންފަދަ ފާހިޝް އަމަލުތަކަކީ، އެކަމުގެ ސަބަބުން މުޖުތަމައަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ އަމަލުތަކެއް ކަމަށާއި އެއީ ވޭތުވެދިޔަ ޒަމާނުގެ އުންމަތްތަކަށް މާތްﷲ ކޯފާ އައުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށް އެމްޑީއޭއިން ބުންޏެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އައުމުގެ ކުރިން މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެންމެހައި ފަރާތްތަކައް މިޕާޓީން ގޮވާލަން. އަދި އިސްވެބަޔާންވެދިޔަ މައްސަލައިގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް މުޖުތަމައުން އެކަހެރިކޮށް ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ އިދާރާތަކަށް މިޕާޓީން އިލްތިމާސްކުރަން،" އެމްޑީއޭއިން ބުންޏެވެ.
އެމްޑީއޭއިން ވަނީ، ދިވެހީންގެ އިސްލާމީ އަގީދާ އާއި މުޖުތަމައުގެ އަހުލާގުން ބޭރު އެއްވެސް ކަމަކަށް ދިވެހި ބިމުގައި ފުރުސަތު ނުދިނުމަށް ރައްޔިތުން ކިބައިން އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ހުތުރު އަމަލު ހުއްޓުވުމުގައި މުޖުތަމައުގެ ހުރިހާ އަފްރާދުން ވެސް އެއްބައިވަންތަކާމެކު މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެމްޑީއޭއިން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުވާ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެއެވެ. އަދި އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގިރި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ކޮޓަރިއެއްގެ ތެރޭގައި ހުންނަވާ ވީޑިއޯ ވެސް ލީކްވެފައިވެއެވެ.