ހޮސްޕިޓަލުގެ ތަރައްގީއަށާއި މީހުން ބިނާކުރުމަށާއި ތަމްރީނުކުރުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރިނާއި އޮބްޒަވާޝިޕާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓުމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ޕްރޮގުރާމުތައް ކުރިއަށް ގެންދިޔުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން ޖީޖީއެޗްސީ ރާއްޖޭގެ ރެޕްޒެންޓޭޓިވްގެ އެއްބާރުލުން ލިބޭނެ ކަމަށް އެ އައިޖީއެމްއެޗުން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗަށް ތަފާތު އެކި ދާއިރާތަކުން އޮބްޒަވާޝިޕް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ގޭސްޓްރޮސައިންސާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓު ދާއިރާތަކުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމާއި ސާޖަރީތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އެހެންކަމުން ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލި މީހުންނަށް ލުއި ފަސޭހަވާނެހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
ގްލެންއީގަލްސް ހޮސްޕިޓަލްސް އަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކެކެވެ. ޖުމުލަ 84 ހޮސްޕިޓަލެއް މި ގުރޫޕުގެ ދަށުން ހިންގައެވެ.
އައިޖީއެމްއެޗުން ބުނީ މި އެއްބަސްވުމުގެ އެންމެ މުހިންމު މަގުސަދަކީ އެ ހޮސްޕިޓަލުން ދޭ ފަރުވާ ޒަމާނީ އަދި އެންމެ ފުރިހަމަ ފަރުވާއެއް ކަމުގައި ހެދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު