ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދިވެހިރާއްޖެއަށް "އޮރިޔާންކާޑު" ތައާރަފުކުރީ ހުރަވީންނެވެ.

އިމާދު ލަތީފު

3

ފޮޓޮގްރަފީގެ ކަންކަން ދުނިޔެއަށް ތައާރަފުވި އަހަރެއްކަމަށް ބެލެވެނީ މީލާދީން 1839 ވަނަ އަހަރެވެ. ޕްރެކްޓިކަލް ފޮޓޮގްރަފީގެ އެންމެ ފުރަތަމަ 120 އަހަރު ހޭދަވެގެންދިޔައީ ކަޅާއިހުދުގެ ދައުރެއްގެ ގޮތުގައެވެ. ކުލަ ފޮޓޯ ތައާރަފުވީ އޭގެފަހުންނެވެ. ދުނިޔޭގައި ކޮންމެ ބަޔަކު ކޮންމެ އެއްޗެއް އުފެއްދިޔަސް ދުނިޔޭގެ އެންމެތަކުންނާ ހަމަޔަށް އެ އެއްޗެއް އިސާހިތަކު ފޯރާނެތާއެވެ. އެގޮތުން އެގަރުނު ނިމުމުގެ ކުރިން ދިވެހިރާއްޖެއަށްވެސް ފޯރައިފިއެވެ. ދިވެހިންނާ ހަމަޔަށް ފޮޓޯގްރަފީ އައީ ކަނޑައެޅިގެން މިވެނި އަހަރެއްގައޭ ބުނެވޭވަރަށްވުރެ އެކަން އޮތީ އަނދިރިކަމުގެ ތެރޭގައެވެ. ގައިމުވެސް ޔަގީންވާ ކަމަކީ އަށާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅު ދިވެހީންނާއި ދިވެހިރާއްޖޭގެ މަންޒަރުތައްވެސް ކެމެރާތަކަށް އަރަން ފަށައިފިކަމެވެ.

ފޮޓޯއަކީ ކަރުދާހުގައި ކުރެހިގެން ރައްކާކުރެވޭ ތަސްވީރަކަށްވާތީ ފޮޓޮގްރާފީޔާއެކު އޮރިޔާންކާޑުވެސް ތައާރަފުވެގެން ހިނގާއްޖެއެވެ. އޮރިޔާންކާޑަކީ ކަރުދާހުގައި ހުންނަ އޮރިޔާން ފޮޓޯއެވެ. އެޔަށް ދިވެހިބަހުން ޚާއްސަ ނަމެއް ދެވުނީ އެކާޑެއް ދިވެހިންނަށްވެސް ދަސްވުމުންނެވެ. ނުދެކޭ އެއްޗެއް އަދި ތަޖުރިބާނުކުރާ އެއްޗަކަށް ނަމެއް ނުކިޔާނެތާއެވެ. ނަމެއް ހަދަން ނުވެސް އެނގޭނެތާއެވެ. ނަމެއް އުފެދޭނީ އެ އެއްޗެއް އާއްމުވުމުންނެވެ. އެހެންވީމާ އޮރިޔާންކާޑޭ ކިޔައި ނަންދީފައި އެވަނީ އެއީ ކޮންއެއްޗެއްކަން އެނގި ދަސްވެގެންނެވެ. އެކަމަކު ނޭނގޭ ކަމަކީ ދިވެހިރާއްޖޭގައި އެޒާތުގެ ކާޑެއް އެންމެ ފުރަތަމަ އުފެއްދީ ކޮން އަހަރަކު ކާކުކަމެވެ. އެޒަމާނުގައި ކެމެރާއަކީ ކޮންމެ ކޮންމެ މީހަކާ އަރަފޯދިގެންވާ އެއްޗެއް ނޫނެވެ. ފޮޓޯ ސާފުކުރުމަކީވެސް ޚާއްސަ ހުނަރާއި ޚާއްސަ ސާމާނު ބޭނުންވާ ކަމެކެވެ.

ދިވެއްސެއްގެ ބަރަހަނާ ފޮޓޯނަގައި އެފޮޓޯ ސާފުކޮށް ކަރުދާހާ ހަމަޔަށް އެޒަމާނުގައި ގެނެވޭނީ އެފެންވަރު ހުރި މީހަކަށެވެ. ބަޔަކަށެވެ. އެކަމުގެ ކެރިކުޅަދާނަކަން އޭރު ހުންނާނީ މާލޭގެ ރަސްކަމުގެ ބޮޑުންގެ ކިބައިގައެވެ. އެހެންވީމާ ދިވެހިން ބަރަހަނާކޮށް ފޮޓޯނަގައި ދިވެހިވަންތަ އޮރިޔާންކާޑު އެންމެ ފުރަތަމަ އުފެއްދުމުގެ ޝަރަފެއް ވިއްޔާ ޝަރަފެއް، ދެރަ ނަމެއްވިއްޔާ ދެރަނަން ދޭންޖެހެނީ އޭރުގެ ބޮޑުންނަށެވެ. އެފެންވަރު އޭރު ހުންނާނީ ހުރަވީންގެ ކިބައިގައެވެ. އާނއެކެވެ. ދިވެހިރާއްޖެއަށް އޮރިޔާންކާޑު ތައާރަފުކުރީ ހުރަވީންނެވެ. އެއީ ޔަގީންކަމެކެވެ. އެކަން ޔަގީންވަނީ ތާރީޚުން ލިބޭންހުރި ބައެއް ހެކިތަކުންނެވެ. މިވެނި ދުވަސްވަރެއްގައި އެވެނި ނަމެއްކިޔާ މަނިއްޕުޅަކު މިވެނިތަނެއްގައި އެވެނި މިވެނި ސަކަރާތެއް ޖެއްސެވިކަމީ އެނގޭންހުރި ކަންކަމެވެ.

މިހާރު އެފެންނަ މުލީއާގޭގައި 1920 ވަނަ އަހަރުން ފެށިގެން 1934 ވަނަ އަހަރާ ހަމަޔަށް ހުންނެވީ ޕްރިންސް ހަސަން އިއްޒުއްދީނެވެ. ހެންވޭރުގަނޑުވަރު ހުރަވީ މަނިއްޕުޅެކެވެ. އެގެޔަށް އޭރު ކިޔަނީވެސް ހެންވޭރުގަނޑުވަރެވެ. އެދުވަސްވަރު މުލީއާގޭގައި ކުރެވުނު އައު ކަންކަމުގެ ތެރޭގައި އޮރިޔާންކާޑު އުފެއްދުން ހިމެނުނެވެ. ދިވެހި ތާރީޚުގެ އިލްމަށް އަރައިހުންނެވި ބޭފުޅެއްކަމަށްވާ އަބްދުލްހަކީމު ހުސައިން މަނިކު ލިޔުއްވާފައިވެއެވެ. އޮރިޔާން ފޮޓޯ ނެގުމުގެ ކަންކަން މުލީއާގޭގައި ފެށިއްޖެއެވެ. މާލޭގެ އަންހެނުންގެ ތެރެއިން އެވެނި ގެޔެއްގެ ގޮމަޔަކާއި މިވެނި ގެޔެއްގެ ގޮއްޔެއަކާއި ދޮންމަނިކެޔަކާއި ދޮންކަމަނަޔަކީ އޮރިޔާމުން ފޮޓޯ ނަގައިފައިތިބި އަންހެނުންނެވެ. ފިރިހެނުންގެ ތެރެއިން ކޮންމެވެސް ގެއެއްގެ ދެބެއިންނާއި ކުޑަމަނިކަކާއި ޚުދު އިއްޒުއްދީނު މަނިއްޕުޅުވެސް އޮރިޔާމުން ފޮޓޯ ނެންގެވިއެވެ.

ދިވެހިރާއްޖޭގެ ތަޚުތުގައި 1902 ވަނަ އަހަރުން ފެށިގެން 1934 ވަނަ އަހަރާ ހަމަޔަށް އިންނެވީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައެވެ. އެރަދުންގެ ވަލީއަހުދަކީ ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީނެވެ. އާއްމު ނަންފުޅަކީ ކުރިންވެސް ލިޔެވުނުފަދައިން ހެންވޭރުގަނޑުވަރު މަނިއްޕުޅެވެ. އެމަނިއްޕުޅު ތަރުބިއްޔަތު ކުރެވުނީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވުމަށެވެ. ކޮންމެއަކަސް ސިލޯނުގެ ރޯޔަލް ކޮލެޖުން ކިޔަވައިވިދާޅުވި އެއްޗެއް ކިޔަވައިވިދާޅުވެ ޒަމާނީ ތަރުބިއްޔަތަކުން ތަރުބިއްޔަތުވެވަޑައިގެން ރާއްޖެވަޑައިގެންނެވުމަށްފަހު އެ މަނިއްޕުޅު ފެނުނީ ވަރަށްވެސް ތަފާތު ބޭފުޅެއްގެ ގޮތުގައެވެ. ދިވެހީން އާއްމުގޮތެއްގައި ނުކުރާ ކަންކަން ކުރެއްވުން ގިނައެވެ. އަޚުލާގީ މިންގަނޑުތައް އިރުއްވައި، ވީއްދަވައި، މުގުރުއްވުން ގިނައެވެ. ނުކުރައްވާކަށް ވަކިކަމެއް ނޯވެއެވެ. ރަހަ ނުބައްލަވާ މޭވާއެއް ހަބަރެއްވެސް ނޯވޭމެއެވެ.

ރަސްކަމަށް ތަރުބިއްޔަތު ކުރެވުނު ބޭފުޅަކަށްވިޔަސް ކުރިން ދެންނެވި ކަންކަމާއި ހަވާނަފުސަށް ތަބާވެވަޑައިގަތުން ބޮޑުކަމުން އެ މަނިއްޕުޅަށް ރަސްކަން ލިބިވަޑައެއް ނުގެންނެވިއެވެ. އެ މަނިއްޕުޅުގެ ބަފައިކަލުންގެ ދިގު ރަސްކަން ނިމުމަކަށް އައުމުގެ ސަބަބަކަށްވެސް ވެގެންދިޔައީ އަޚުލާގީ މައްސަލަތަކެވެ. ކޮންމެއަކަސް އެމަނިއްޕުޅާއި އެމަނިއްޕުޅުގެ ބަފައިކަލުން 2 އޮކްޓޫބަރު 1934 ގައި ހައްޔަރުކޮށް ސަރިޔަތް ހިންގައި ފުވައްމުލަކަށް އަރުވައިލެވުނީއެވެ. މަނިއްޕުޅު އަވަހާރަވީ ފުވައްމުލަކުގައި ހުންނަވާތާ ހަތަރު އަހަރުވީފަހުން 1938 ގައެވެ. އިއްޒުއްދީނު މަނިއްޕުޅާއެކު ދިވެހި ތާރީޚުގެ ޗެޕްޓަރެއްވެސް ނިމިގެންދިޔައީއެވެ. އެކަމަކު ފަހުތިބީން، އަބަދުވެސް އެ ޗެޕްޓަރު ނިއުޅައި ބަލައި ދިރާސާކުރާނޭތާއެވެ. ކުރެވޭނެވެސްތާއެވެ.