ކޮވިޑްގެ ބޮޑު ބަންދަކަށްފަހު، ދެ އަހަރު ފަހުން އަނެއްކާވެސް އެންމެން އެކުގައި ފާހަގަކުރެވޭ ބޮޑު އީދެއް ބައްދަލުކުރަނީއެވެ. އަނެއްކާވެސް އެ އުފާވެރިކަމާއެކު، ގުޅިގެން އެކުވެރިކަމާއެކު ބޮޑު އީދެއް ފާހަގަ ކުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. އެހެންވެ މުޅި ރާއްޖެވެސް މިވަނީ މިފަހަރުގެ ބޮޑު އީދު ބޮޑުކޮށް ފާހަގަކުރަން ތައްޔާރުވެފައެވެ.
މިފަހަރުގެ އީދުގެ ބަންދު ދުވަސްތައްވެސް ގިނަވުމާއެކު ހުރިހާ ރަށެއްވެސް އަންނަނީ ވަރަށް ބޮޑަށް އީދަށް ތައްޔާރުވަމުންނެވެ. އެގޮތުން މި އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެފައިވާ އެއް އަތޮޅަކީ ބ. އަތޮޅެވެ. ޒަމާނުއްސުރެ ސަގާފީ އެކި ކުޅިވަރުތަކާއި ތަފާތު އެކި ހަރަކާތްތަކާއެކު ބ. އަތޮޅުގެ ރަށްތަކުގައި ކުލަގަދަ އީދެއް ފާހަގަކުރެއެވެ. މިއަހަރުވެސް ފުރިހަމަ ބޮޑު އީދަކަށް މުޅި ބ. އަތޮޅު އޮތީ ތައްޔާރަށެވެ.
މިފަހަރު އީދަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް ރަށަކީ އެ އަތޮޅު ދަރަވަންދޫއެވެ. އެރަށް ވަނީ ބޮޑު އީދު ހަގީގަތުގައިވެސް ބޮޑުކޮށް ފާހަގަ ކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން އެރަށަށް އީދަށް ދާ މީހުންނަށް މަރުހަބާ ކިޔުމަށް މި މަހުގެ ހަތް ވަނަ ދުވަހު "އަރާފަނި" ދިނުމަށް ވަނީ ތައްޔާރުވެފައެވެ.
"މަގޭ އީދު" ގެ ނަމުގައި ދަރަވަންދޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް ނިންމާފައިވާއިރު، އީދު ޝަރަފުވެރިކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެރަށަށް ވަޑައިގަންނަވާނެއެވެ. ނައިބް ރައީސް ވަޑައިގަންނަވާނީ ހުކުރުދުވަހުއެވެ. އަދި އެރަށުގެ ހަރަކާތްތައް ވީޓީވީން ލައިވްކޮށް ދައްކާނެއެވެ. މީގެ އިތުރުން މަލިކް ގްރޫޕެއްގެ ޝޯއެއްވެސް އެރަށުގައި އޮންނާނެއެވެ. އޭގެ އިތުރަށް އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކަކީ:
- އަންހެނުންގެ އަސްރަފްތާ
- ފިރިހެނުންގެ އަސްރަފްތާ
- ފިރިހެނުންގެ މަންގަލަން ދަނޑި
- އަންހެނުންގެ ކުރުފަލި
- ކުޑަކުދިންގެ މާލި
- އަންހެނުންގެ މާލި
- ފިރިހެނުންގެ މާލި
- ބޮޑުމަސް ބޭނުން
- ޕެރޭޑް
- އީދު މަލާފަތާއެކު ބޮޑުބެރު ޝޯ
- މަލިކް ގްރޫޕްގެ ޝޯ
- ރަސްހިޔަލަ ގްރޫޕްގެ ޝޯ
- ފަރީލާ ގްރޫޕް ޝޯ
- އީދު ސައި
- މަންޑި ކުޅުން
- ވާދެމުން
- ތުވާލި ބޯޅަ
- މަސް ރޭސް
- ރިލޭ ރޭސް
- ހަވާ އެރުވުން
ކުޑަރިކިލަކީ ސަގާފީ ކުޅިވަރުތަކުގެ ޖަގަހައެކެވެ. އެރަށް ހާއްސަވާ ސަބަބުތައްވެސް ގިނައެވެ. އެރަށުގައި ޖަހާ ތާރަ އާއި ދަތްޕަކީ ރާއްޖޭގެ އެހެން ރަށްރަށަކުން ނުފެންނާނެ ތަފާތު ދެ ހަރަކާތެވެ. ސަގާފީ އެ ދެކުޅިވަރަކީ އެރަށުގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ފޯރިގަދަ އަދި އެހާމެ ރީތި ދެ ކުޅިވަރެވެ.
އޭގެ އިތުރުން އެރަށުގެ ބަނޑިޔާ ގްރޫޕަކީ ނަން މަޝްހޫރު ގްރޫޕެކެވެ. އިނގިރޭސި ރާނީ، ކްއީން އެލިޒަބަތު ދޭއް، ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް މާލޭގައި ބޭއްވި ވަރުގަދަ ހަރަކާތަކަށްވެސް ކުޑަރިކިލުގެ ބަނޑިޔާ ގުރޫޕް ވަނީ ގެނެސްފައެވެ. އެރަށުގައި ބަނޑިޔާ ޖެހުން ފަނޑުނުވެ، މިއަދާ ހަމައަށްވެސް އަންނަނީ ކުރިއަށެވެ. މިފަހަރުވެސް އެރަށް އޮތީ ބަނޑިޔާ ޖެހުމާއި ސަގާފީ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އީދު ވެދުމާ ދިއުން
- އަށިބެރު
- ބޮޑު ހުޅު ޖެހުން
- އީދު ސައި
- ބޮޑު މާލި ނެރުން
- ކުރުފަލި ޖެހުން
- ބަނޑިޔާ ޖެހުން
- ތާރަ ޖެހުން
- ލަނގިިރި ޖެހުން
- ފިރިހެނުންގެ ކޯޑި
- ބީޗް ކުޅިވަރު
- ގުދު އައިމިނަ ނެރުން
- އަންހެނުންގެ ކޯޑި
- އަންހެނުންގެ ދަފި
- ބޮޑުބެރު ޝޯ
- އަންހެނުންގެ މާލި
- ފިރިހެނުންގެ ދަފި
- ކޯޑި ކެނޑުން
- ދެލި މާލި
- ބޮޑުމަސް ބޭނުން
- ކުޑަކުދިންގެ ހަވީރު
- ވަދާއީ ޝޯ
- ކޯޑިޖެހި ފަރިވަޅު
- ފިރިހެން ފުޓްސަލް މެޗް
- އަންހެން ފުޓްސަލް މެޗް
ފުޅަދޫގައި މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ވަނީ ވަރަށް ކުރިންސުރެ ތައްޔާރުވެފައެވެ. އެގޮތުން "އީދޭމީ ފުޅަދޫ" ޝިޔާރުގެ ދަށުން އީދު ފާހަގަ ކުރުމަށް ރަށުގެ ރައްޔިތުން ގުޅިގެން ވަނީ މަސައްކަތްތައް ފަށައިފައެވެ. ކައުންސިލްގެ އިސްނެގުމުގެ މަތީން ހުރިހާ ހަރަކާތެއްވެސް ކުރިއަށްގެންދާއިރު، މިހާރު ކުރެވެމުންދަނީ އެރަށު ސްޓޭޖް ހެދުމުގެ މަސައްކަތްތަކެވެ.
ސަގާފީ އެތައް ކުޅިވަރުތަކެއް ދައްކާލުމަށް އެރަށް އޮތީ ތައްޔާރަށެވެ. އެގޮތުން ދަފިނެގުމާއި ބޮޑުބެރުގެ އިތުރުން ބޮޑުމަސް ނެރުންފަދަ ސަގާފީ އެތައް ކުޅިވަރެއް އެރަށުން މިފަހަރު ފެންނާނެއެވެ. އެރަށުގައި މިފަހަރު އީދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް ހަރަކާތްތަކަކީ:
- ހަވާ އެރުވުން
- ބޮނޑިބަތާއި ކުޅިމަހުގެ ބޮޑު ކެއުމެއް
- އީދު ސައި
- ދަފި ނެގުން
- ބޮޑުބެރު ޝޯ
- ތިން މުގޯލި
- ކޮއްކޮ ގޮނޑި
- ވޮލީ
- ފުޓްބޯޅަ
- ކާށިދޫ ތާރަ
- ބޮޑުމަސް ނެރުން
- ޑިނާ ނައިޓް، ލައިވް މިޔުޒިކާއެކު
- މަސް ރޭސް
ކަމަދޫގައި ޒަމާނުއްސުރެ އޮންނަ ސަގާފަތަކީ އީދުގެ ކުރިން، އޭގެ ކުރީ އަހަރުގެ ކޯޑި ކެނޑި ފަރިވަޅު ދިނުމެވެ. އެގޮތުން މިއަހަރުގެ އީދު ފެށުމަށް އެރަށުގައި ކޯޑިޖެހި ފަރިވަޅާއެކު އަންހެން އަދި ފިރިހެނުން މިވަނީ އީދަށް ތައްޔާރުކަން ދައްކާލައިފައެވެ.
އަބަދުވެސް ކުލަ ގަދަކޮށް އީދު ފާހަގަކުރަމުން އަންނަ ކަމަދޫގައި، މިއަހަރުވެސް ވަނީ އީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ޒުވާނުންގެ އެތައް ހަރަކާތްތަކެއް އެރަށުން މިފަހަރު އީދުގައި ފެނިގެންދާނެއެވެ. އޭގެ ތެރެއިން ބައެއް ކުޅިވަރުތަކަކީ:
- ދަފި ނެގުން
- މަރުހަބާ ލަވަކިޔުން
- ދަނޑި ޖެހުން
- މާފަތި ޖެހުން
- ބަނޑިޔާ ޖެހުން
- ކުރުފަލި ޖެހުން
- ބޮޑުމަސް ކުޅުން
- މާލި ނެށުން
- ކޯޑި ޖެހުން
- ދެލި މާލި ނެރުން
- 7 ރޭ ސްޓޭޖް ޝޯ
އަތޮޅުގައި ވެރިކަންކުރާ ރަށް، އޭދަފުށީގައިވެސް މިފަހަރު ކުލަ ގޮތަކަށް އީދު ފާހަގަކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އީދު ބަޑި އާއި ހަވާއެރުވުމާއި ކޯޑި އާއި މިޔުޒިކް ޝޯއެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ރަންއަކާއެކު ކަލަ ފެސްޓިވަލާއި ތްރީ އޮން ތްރީ މުބާރާތެއްވެސް އޮންނާނެއެވެ. އަދި މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބައިބަލާ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ކިހާދޫ އާއި ދޮންފަނާއި ކެންދޫގެ އަދި މާޅޮހުގައިވެސް ސަގާފީ އެތައް ކުޅިވަރަކާއި އިތުރު ހަރަކާތްތަކާއެކު ފޯރިގަދަ އީދެއް ފާހަގަކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ހުރިހާ ރަށެއްވެސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށެވެ.
އީދަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުގެ ގިނަ ރަށްރަށުގައި ހުރިހާކަމެއް އިންތިޒާމުކޮށް، ވިލަރެސް ކުރަނީ އެރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. ކައުންސިލްތަކުން ޓީމްތައް އެކުލަވާލައި އެރަށްރަށުގައި ތަފާތު ބޮޑު އީދެއް ފާހަގަކުރުމަށް ފޯރިއާއެކު އަންނަނީ ތައްޔާރުވަމުންނެވެ. މުޅި އަތޮޅު އޮތީ އީދަށް މަރުހަބާ ކިޔަން ވަރަށް ފޯރީގައެވެ. މިފަހަރު ބ. އަތޮޅު އޮތީ ފުރިހަމަ ބޮޑު އީދަކަށް ރަނގަޅަށްވެސް ތައްޔާރަށެވެ. އީދަށް ބ. އަށް ދާން ހަމަ ވަރަށްވެސް ސަޅިވާނެއެވެ. "އިޓްސް ބެޓާ އިން ބާ"އެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް