ކްރިކެޓް

ޓީ20 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ބޫޓާން އަތުން ބަލިވެއްޖެ

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ދެވަނަ މެޗުގައި ބޫޓާން އަތުން ބަލިވެއްޖެއެވެ.

އިއްޔެ މެޗުގައި ރާއްޖެއިން ބޫޓާން އަތުން ބަލިވީ ހަ ލަނޑުންނެވެ. ބޫޓާން ފިރިހެން ކްރިކެޓް ޓީމުން ހޯދި ފުރަތަމަ މޮޅަކީ އެގައުމުގެ ކްރިކެޓް ތާރީހުގައިވެސް ޓީ20 މެޗަކުން ހޯދި ފުރަތަމަ މޮޅެވެ. އިއްޔެގެ މެޗަށް ރާއްޖެ ނުކުތީ އިއްޔެ ތައިލެންޑާ ދެކޮޅަށް މޮޅަށް ކުޅެ، ހަތް ވިކެޓުން މޮޅުވެފައި އޮވެގެންނެވެ.

އަނެއްކޮޅުން ބޫޓާން ނުކުތީ މެލޭޝިއާ އަތުން ފުރަތަމަ މެޗުގައި ބަލިވެފައި އޮވެގެންނެވެ. މެޗުގައި ޓޮސް ދިމާވުމުން ރާއްޖެއިން ފުރަތަމަ ނުކުތީ ފީލްޑް ކުރުމަށެވެ. ބޫޓާނުން ކުޅެން އަރައި 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދީ 110 ލަނޑެވެ. މެޗުގެ ފުރަތަމަ އިނިންގްސް ގައި ރާއްޖޭގެ އަމީލް މައުރޫފުގެ އިނގިއްޔަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދަން ޖެހިފައިވެއެވެ.

ބަދަލުގައި ރާއްޖެއިން ކުޅެން އަރައި ގާތްކޮސް ސްކޯ ގެންގޮސް، ފުރަތަމަ 10 އޯވަރު ނިމުނު އިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 48 ލަނޑު ހަދާފައެވެ. 15 އޯވަރު ނިމުނު އިރު، ހަތް ވިކެޓް ބޫޓާން ނެގިއެވެ. އޭރު ރާއްޖެއަށް ހެދިފައި އޮތީ 73 ލަނޑެވެ. މެޗުން މޮޅުވާން ބޭނުންވެފައި އޮތީ 30 ބޯޅައިން 38 ލަނޑެވެ.

މެޗު ނިމިގެން ދިޔައީ އެ ޓާގެޓް ފުރިހަމަ ނުވެ ހަ ލަނޑުން ބޫޓާން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ރާއްޖެއަށް އެންމެ ރަނގަޅަށް އުކައިދިން ޔޫސުފް އަޒްޔާން ފަރުހަތު ވަނީ ތިން ވިކެޓް ނަގައިފައެވެ. އެންމެ ރަނގަޅަށް ބެޓް ކުރި މުހައްމަދު ރިޝްވާން ވަނީ 12 ބޯޅައިން 19 ލަނޑު ހަދާފައެވެ.

ރާއްޖެއާއި މެލޭޝިއާ ވާދަކުރާ މެޗު އޮންނާނީ ބުދަ ދުވަހުއެވެ. ކުއަޑްރަންގިއުލާ ޓީ20 ސީރީސްއަކީ ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މުބާރާތެކެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓް މެލޭޝިއާ އަދި ބޫޓާނެވެ.