ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރުން އިންތިޒާމުކޮށްގެން އެ ރަށުގެ ޓީމުތަކަށް ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ކިއްސަރު ކަޕް 2022ގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކިއްސަރު ކަޕުގެ މީޑިއާ ޕާޓްނަރަކަށް "ވަން" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް "ވަން" އޮފީހުގައި މިއަދު ބޭއްވި އިވެންޓުގައި ކިއްސަރު ކަޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުބާރާތުގެ އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިބްރާހީމް އާދިލެވެ. "ވަން"ގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް) އެވެ.

ކިއްސަރު ކަޕަކީ މުޅި ރާއްޖޭގައިވެސް އެންމެ ޒަމާންވީ އެއް ފުޓްސަލް މުބާރާތެވެ. ރާއްޖެއަށް ފުޓްސަލް ތައާރަފުވުމުގެ ކުރިން ސިކް އެސައިޑް މުބާރާތެއްގެ ގޮތުގައި 2002 އަހަރު ފެށި ކިއްސަރު ކަޕް، ކިއްސަރު ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކޮށް ފުރަތަމަ ބޭއްވީ 2004 އަހަރުއެވެ.

އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ފޯރިގަދަކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކިއްސަރު ކަޕް އޮތް އިރު، މުބާރާތް ނުބޭއްވި މެދުކެނޑުނީ 2020 އަހަރެވެ. އެ އަހަރު މުބާރާތް ބާއްވަން އޮތް ނަމަވެސް ކޮވިޑް-19ގެ ސަބަބުން މުބާރާތް ޖެހުނީ ނުބާއްވާ ދޫކޮށްލާށެވެ.

މެދުކެނޑުމަށްފަހު މިއަހަރު އެ މުބާރާތް ބާއްވަން ފުރިހަމައަށް ވަނީ ތައްޔާރުވެފައެވެ. މުބާރާތް މިމަހުގެ 18 ވަނަ ދުވަހު ކޮނޑޭގައި ފެށުމަށް ތައްޔާރުވެފައިވާ އިރު، ކޮނޑޭއަށް ނިސްބަތްވާ ހަ ޓީމަކުން ވާދަކުރާނެއެވެ. މުބާރާތް ރަށަށް ހުޅުވާލި ނަމަވެސް އަބަދުވެސް ފެންނަނީ ފޯރިގަދަ ކޮށެވެ. އެއީ މުބާރާތުގައި ވާދަކުރަނީ ޒަމާންވީ ވާދަވެރި ޓީމުތައް ކަމަށްވާތީއެވެ.

މުބާރާތުގައި ޖުމުލަ ހަ ޓީމު ވާދަކުރާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ސްޕޯޓްސް ކްލަބު ބަފާނާއާއި ފޭޒާ އެފްސީ އަދި ހެލަނގެލި އެސްސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ރޭމްޕޭޖާއި އައިބީ ސްޓްރީޓް އަދި ޕާކު ހަޔަޓް މޯލްޑިވްސް ހަޑަހާއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މިމަހުގެ 18 އިން 20 އަށް ކުރިއަށްދާ އިރު، ސެމީ ފައިނަލު ދެ މެޗު އޮންނާނީ 21 ވަނަ ދުވަހުގެ ރޭގައެވެ. ފައިނަލް އޮންނާނީ 23 ޖުލައިވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.

މުބާރާތް ކޮނޑޭއަށް ހުޅުވާލި ނަމަވެސް މުބާރާތުގެ ޓީމުތަކުގައި ރަށުން ބޭރުގެ ފަސް ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތު ދީފައިވެއެވެ. ނަމަވެސް މެޗު ތެރެއިން އެއް ފަހަރާ ކުޅެން އެރެވޭނީ ރަށުން ބޭރުގެ ތިން ކުޅުންތެރިންނެވެ.

މުބާރާތުގެ ޓީމުތަކުން މިފަހަރުވެސް ރާއްޖޭގެ ފުޓްސަލް ތަރިން ފެނިގެންދާނެއެވެ. އެގޮތުން ބަފާނާ ޓީމުން އިބްރާހީމް އަސްވަދު (ގަބޭ) އާއި ގައުމީ ފުޓްސަލް ޓީމުގެ ހުސައިން ސުހައިލް (ސޮކޭ) އަދި އަހުމަދު ވިޖުދާން (ވިޖޫ) ފެންނާނެއެވެ. ރޭމްޕޭޖުން ހުސައިން ޝަރީފް (އޮންލީ)، އަޔާޒު އަހުމަދު (އަޔާ) އަދި އަލީ ހާފިޒް (ހާއްޕެ) އާއި މުހައްމަދު ވިލްފް ފެންނާނެއެވެ.

އޭގެ އިތުރުން ފޭޒާގައި ތިމަރަފުށީގެ ދެ ކުޅުންތެރިން ކަމަށް އިބްރާހީމް ހަމްދާން (މެސީ) އަދި އިސްމާއިލް ސިޔާދު ހިމެނެއެވެ.

ކިއްސަރު ފުޓްސަލް ކަޕުގެ މެއިން ސްޕޮންސަރަކީ ހިޓާޗީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރުންނަކީ މާކްޓެކް މޯލްޑިވްސްއާއި ވީބީ ބްރަދާސްގެ ކެލޯގްސް އަދި ޕްރިންޖަލްސްއެވެ. އޭގެ އިތުރުން ފެނަކަ، ސިބްކޯގެ އަލް މުދިޝް އަދި މޯލްޑިވިއަން އަކީވެސް މުބާރާތުގެ ކޯ ސްޕޮންސަރުންނެވެ.

މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލައިނެވެ. މުބާރާތުގެ އިންތިޒާމް ޕާޓްނަރަކީ ކޮނޑޭ ކައުންސިލެވެ. ކިޓް ޕާޓްނަރަކީ މަޅި މޯލްޑިވްސްއެވެ. އަދި އެކޮމޮޑޭޝަން ޕާޓްނަރަކީ ސަން ކޮރަލް މޯލްޑިވްސްއެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީ ބާޔޯއެވެ. ކިއްސަރު ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައެވެ.

ކިއްސަރު ފުޓްސަލް ކަޕް 2022 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.