މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާއިރު, މާލެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމަނައި, ބިމު ކުއްޔަށް އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ނަގާ ގޮތަށް "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު" އަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ މާޗު މަހު ސަރުކާރުން މަޖިލީހަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފޮނުވި އިރު, މާލެ ސިޓީ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމެނުމަށް ހިމަނާފައެއްނުވެއެވެ. ނަމަވެސް ކޮމިޓީން ގެނައި އެ އިސްލާހާއެކު ދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ 50 މެންބަރުންގެ ވޯޓާ އެކުއެވެ.
ޓޫރިޒަމް ގާނޫނުގައި މިހާރު އޮންނަ ގޮތުން މާލެ, ވިލިމާލެ އަދި ހުޅުމާލޭގެ ބިންތައް ހިމެނެނީ ކ. އަތޮޅުގެ ރަށްތަކުގެ ތެރޭގައެވެ. އެ ކެޓަގަރީގައި ކ. އަތޮޅުގެ އިތުރުން ދެން ހިމެނެނީ ނ, ރ, ބ, ޅ, އއ, އދ, ވ, މ, ފ އަދި ދ. އަތޮޅެވެ. އެ އަތޮޅުތަކުގެ ރަށްތަކުން ޓޫރިޒަމް ބިންތަކަށް ދައްކަންޖެހެނީ:
- 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް އަހަރަކަށް 4 ޑޮލަރު، 500،000 ޑޮލަރާ ހަމައަށް
- 400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް 750،000 ޑޮަލަރު
- 400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް 1 މިލިއަން ޑޮލަރު
ރައީސް މިއަދު ތަސްދީގުކުރެއްވި ބިލުގައިވާ ގޮތުން, މާލެ ސިޓީގެ ކޮންމެ ބޮޑު މިނެއްގެ ބިމަކަށްވެސް އަހަރަކަށް ނަގާނީ އަކަމީޓަރަކަށް 95 ޑޮލަރެވެ.
އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ, މިވަގުތު މާލެ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ މާކެޓް އަގާ އަޅައިބަލާ އިރު, ވަރަށް ކުޑަ އަގެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވުމުން މާކެޓް އަގުގައި އެ ފަދަ ތަންތަނުން ކުލި ނެގުން މުހިންމު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން ޖޮއިންޓް ވެންޗާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
ކައުންސިލުތަކަށް އާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުންވެސް މި ބިލުގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު