އިކޮނޮމިކް މިނިސްޓްރީން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ ކަންކަން ކުރުމަށް ފަރުމާކޮށްފައިވާ އެކްސްޕެޓް ޕޯޓަލް ނަކަލުކޮށްގެން ހިންގަމުންދާތީ، އެކަމަށް ސަމާލުވާން މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ، އެ މުއައްސަސާގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް ހަދައިފައިވާ "ވެބް އެޑްރެސް" އެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ، "https://immigariongovmv.org" ދައުރުވާ ވެބް ލިންކަކީ ފޭކެއް ކަމަށާއި އެ ލިންކު ބޭނުންނުކުރުމަށް އެދޭ ކަމަށެވެ.

އިމިގްރޭޝަން އޮފިޝަލް ވެބްސައިޓަކީ https://immigration.gov.mv އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެކްސްޕެޓް ޕޯޓަލް ނަކަލުކޮށްގެން ހިންގާ ވެބްސައިޓުތަކަކީ އާންމުކޮށް އެ ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހޯދައިގެން، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކުރާ ސައިޓުތައް ކަމަށެވެ.

  • https://immigariongovmv.org
  • https://xpat-egovmv.com
  • https://xpategov.com
  • https://www-xpat-gov.com
  • https://www.xpat-egov.online
  • https://xpategovmv.org/

އިކޮނިމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ ހުރިހާ ފަރާތްތައް ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޮންލައިންކޮށް ހިދުމަތް ހޯދާއިރު، ހުރިހާ ވަގުތެއްގައި ވެސް ރަނގަޅު ޕޯޓަލްކަން ޔަގީން ކުރުމަށާއި، އެހެން ޕޯޓަލްއަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެކްސްޕެޓް ޕޯޓަލްގެ ލިންކަކީ https://xpat.egov.mv އެވެ.