މާލޭ ސިޓީ، އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީ ކުރަން ޕްލޭނިން މިނިސްޓްރީން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84،414،546.83 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށެވެ.
ވާރޭވެހޭ ނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް މަގަކީ އަމީނީ މަގެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށްވެސް އުނދަގޫވެއެވެ. މީގެ އިތުރުން އެމަގުގައި އަޑިގުޑަންތައް ގިނަވެ، އެމަގުގައި ވެހިކަލް ދުއްވުމަށް އުނދަގޫވާ ކަމުގެ ޝަކުވާތައްވެސް ވަރަށް ގިނައެވެ.
މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރޯޝަނީ މަގުގެ މަސައްކަތް ނިމިފައިވާ އިރު، ބަޖެޓު ނުލިބޭތީ އިތުރު މަގެއްގެ މަސައްކަތް ނުފެށި ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ހިމެނެއެވެ.