Close
ޚަބަރު

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ތައާރަފްކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ދިވެހި ރުފިޔާގެ ނިޝާނެއް މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ރުފިޔާގެ ނިޝާނެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ނިޝާން ތައާރަފްކޮށްދެއްވީ އެންވާރްމަންޓް މިނިސްޓަރު، އާމިނަތު ޝައުނާއެވެ.

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ގޮތުގައި ތައާރަފްކުރި ނިޝާނުގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ. މި ނިޝާން ފަރުމާކުރީ، މ. ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުން ހިމެނޭ ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.

ދިވެހި ރުފިޔާގެ ނިޝާން ބޭނުން ކުރަންޖެހެނީ އެހެން ފައިސާގެ ނިޝާންތަކެކޭ އެއްފަދައިން ހިސާބު އަދަދުގެ ވައަތް ފަރާތުގައެވެ. ލިޔުމުގައި ތާނަ އަކުރުތަކާއެކު އަދި އިނގިރޭސި ސިމްބަލް އަކުރުތަކާއެކު ބޭނުންކުރާއިރު، މި ނިޝާންގެ މަތީ ހުރަސް ރޮނގުގެ ތިރީ ކައިރި ހުންނަންވާނީ ފޮޅުވަތުގެ ރޮނގުގެ މަތީ ކައިރީގައި ޖެހޭ ގޮތަށެވެ.

ނަމަވެސް އިނގިރޭސި ކެޕިޓަލް އަކުރުތަކާއެކު ބޭނުންކުރާއިރު، މި ނިޝާން ހުންނަންވާނީ އިނގިރޭސި އަކުރުގެ މަތީ ކައިރި އާއި ތިރީ ކައިރި ދިމާވާގޮތަށެވެ. އަލަށް ތައާރަފްކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މި ނިޝާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ބައިނަަލްއަގުވާމީ ގައުމުތަކުން ފައިސާގެ ނިޝާން ކަނޑައަޅާފައިވަނީ 50 ވަރަކަށް ގައުމުން ކަމަށްވާ އިރު، އެގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުވުން އެއީ ރާއްޖެއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރުފިޔާ ނިޝާނުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ދިވެހި ވަންތަކަން އިތުރުވާ ކަމެއް ކަމަށާއި މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް މި ނިޝާން ބޭނުން ކުރެވޭނެ ގޮތް ހަދައި "ޔުނިކޯޑް ސްޓޭޑާޑް" އަށް މި ނިޝާން ހަދައި ބޭނުންކުރެވޭ ގޮތް ހެދުން ވަރަށް މުހިއްމު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ނިޝާން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ވެއްދުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ހާއްސަކޮށް ސަރުކާރުގެ އިދަރާތަކާއި މާލީ އިދާރާތަކާއި ސްކޫލުތަކާއި މަދަނީ ޖަމިއްޔާތަކާއި ރާއްޖެ ތަމްސީލު ކުރާ ހުރިހާ ތަންތަނެއްގައިވެސް ނިޝާން ބޭނުންކުރެވެން އޮތް މިންވަރަކަށް ބޭނުން ކުރަންވީ،" ޝައުނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރިންޓް ކުރާ ފައިސާގައި ވެސް މި ނިޝާން ހިމަނާނެ ކަމަށެވެ. އަދި މި ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށާއި އިންޓަނޭޝަނަލް ފެންވަރެއްގައި ބަލައި ގަންނަ "ޔުނިކޯޑް ސްޓޭޑާޑް" ހޯދުމުގެ މަސައްކަތްތައްވެސް އެމްއެމްއޭ އިން ކުރަމުން އަންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.