މިއަހަރު ރާއްޖޭގެ އަމީރުލްހައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ހައްޖަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޒާހިރު ރޭ ފުރާވަޑައިގެންނެވީ މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އެންމެ ފަހު ގުރޫޕާއެކުއެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. އަމީރުލްހައްޖުގެ ގޮތުގައި މިނިސްޓަރު ޒާހިރު ހަމަޖެއްސީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުއެވެ.

މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އެހެންކަމުން މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ރާއްޖެއިން މި އަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ފުރާފައިވާ އިރު އެންމެ ފަހު ގުރޫޕު ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ގުރޫޕުގައި ފުރި ހައްޖުވެރިންނާ ރައީސް ސޯލިހު ވަނީ އެއާޕޯޓުން ބައްދަލުކުރައްވައިފައެވެ.