ކްރިކެޓް

ކުއަޑްރަންގިއުލާ ޓީ20 ސީރީސް: ފުރަތަމަ މެޗުގައި ރާއްޖެއިން ތައިލެންޑް ބަލިކޮށްފި

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް ބަލިކޮށްފިއެވެ.

ޔޫކޭއެމް ވައިއެސްޑީ ކްރިކެޓް އޯވަލްގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ތައިލެންޑުގެ މައްޗަށް ކުރި ހޯދީ ހަތް ވިކެޓުންނެވެ. ކުއަޑްރަންގިއުލާ ޓީ20 ސީރީސްއަކީ ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މުބާރާތެކެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓް މެލޭޝިއާ އަދި ބޫޓާނެވެ.

އިއްޔެ ފެށި މުބާރާތުގައި މެލޭޝިއާ ވަނީ 155 ލަނޑުން ބޫޓާން ބަލިކޮށްފައެވެ.

މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ތައިލެންޑުން ގަސްދުކުރީ ބެޓް ކުރުމަށެވެ. ތައިލެންޑުން 19.3 އޯވަރުގެ ތެރޭ 10 ވިކެޓަށް ހެދުނީ 81 ލަނޑެވެ. ރާއްޖޭގެ އުކުންތެރިންގެ މޮޅު ކުޅުން މިއަދުގެ މެޗުގައި ފާހަގަވިއެވެ. ލީމް ޝަފީގް ތިން ވިކެޓް ނަގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިރު، ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އާއި ހަސަން އިބްރާހިމްގެ އޯވަރުތައްވެސް މެޗުގައި ފެނުނީ ރަނގަޅަށެވެ.

ރާއްޖެއިން ބަދަލުގައި ބެޓް ކުރަން އަރައި، 15.4 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހެދިއެވެ. އެ ނަތީޖާއާއެކު ރާއްޖެއިން ބޮޑު މޮޅެއް ހޯދިއެވެ. ރާއްޖެއަށް އެންމެ ރަނގަޅަށް ބެޓް ކުރީ ރިޝްވާން މުހައްމަދު އާއި މުހައްމަދު އައްޒާމެވެ. ރިޝްވާން ވަނީ 33 ބޯޅައިން 38 ލަނޑު ހަދައިފައެވެ. އައްޒާމް 27 ބޯޅައިން 17 ލަނޑު ހެދިއެވެ.

މުބާރާތުގައި ފުރަތަމަ ކުޅޭނީ ރައުންޑް ރޮބިން ބުރެކެވެ. އެ ބުރަށްފަހު އެއްވަނަ އަދި ދެވަނައިގައި އޮންނަ ޓީމުގެ މެދުގައި ފައިނަލެއް ކުޅެ، ޗެމްޕިއަން ޓީމެއް ކަނޑައަޅާނެއެވެ. ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި މާދަމާ މެންދުރު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ލަންކާގައި ޓުއާއެއް ފުރިހަމަކޮށް ގިނަ މެޗުތަކެއް ކުޅެފައެވެ. އަދި ގިނަ މެޗުތަކުން މޮޅުވި އިރު، އެ ކޮންފިޑެންސްގައި މުބާރާތުގައި މިވަނީ މޮޅަކުން ފަށައިފައެވެ.