ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ގިނަ ރަށްރަށަށް އުދައެރުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް އިތުރުވެދާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުދައެރުމުގެ ސަބަބުން ރަށު ތެރޭގައި ފެން ހެދި އެންމެ އާއްމުކޮށް ގިނަވެދާނެފަދަ ގައިން ގަޔަށް އަރާ ބައްޔަކީ ބޭރަށް ހިންގުން ކަމަށެވެ.

އެގޮތުން ބޭރަށް ހިންގުން ޖެހި ހޮޑުލެވޭ ނަމަ ފުރަތަމަ ބޭނުން ކުރާނީ ހޮޑު މަނާކުރާ ބޭސް ކަމަށާއި ލޮނުޕެކެޓު ބޭނުންކުރަން ފަށާނީ ބޭސް ބޭނުންކުރަތާ 30 މިނެޓު ތެރޭގައި ކަމަށް ވިދާޅުވިއެވެ. އަދި ހޮޑު މަނާކުރާ ބޭސް ބޭނުންކުރާތާ 30 މިނެޓު ތެރޭގައި ހޮޑު ލެވިއްޖެ ނަމަ, ހަމަ ކުރިން ބޭސް ދިން ވަރަށް ހޮޑު މަނާކުރާ ބޭސް ބޭނުން ކުރުމަށް ވަނީ އިރުޝާދު ދެއްވައިފައެވެ.

ބޭރަށް ހިންގާ ދުވަސްވަރު ކިރުގެ ބާވަތްތަކާ ދުރުވުމަށްވެސް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އުދައިގެ އަސަރު 34 ރަށަކަށްކޮށް، 450 އަށް ވުރެ ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ވަނީ ބުނެފައެވެ.