އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފައްޓަވައި އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ލަތީފް މަޖިލިސް މެންބަރުކަން ކުރެއްވީ 1989 ވަނަ އަހަރެވެ.

ނަމަވެސް މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ އިސްލާހީ މަސައްކަތްތައް ކުރެއްވުމުގެ ސަބަބުން ހައްޔަރުކުރުމާ ގުޅިގެން މެންބަރުންކަން ދޫކޮށްލަން ޖެހިވަޑައިގަތެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުން އަންނައިރު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަތީފަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި އެއީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަތީފަކީ އެމްޑީޕީ ވުޖޫދަށް ގެނެސް ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އަގުނުކުރެވޭ ގުރުބާނީތަކެއްވި ހިތްވަރުގަދަ ދިވެހި ދަރިއެއް ކަމަށެވެ.