މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކޮށްފައި ވަނީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ގްލޯބަލް ރޯޑް ސޭފްޓީ ހައި-ލެވެލް ބައްދަލުވުމުގެ ހަވާސާގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޮންގް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ ތެރެއިން މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ވަކި ކެޓަގަރީއެއްގެ ސައްހަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް އޮންނަ މީހަކަށް އިތުރު ޓެސްޓަކާ ނުލައި މެލޭޝިއާގައި އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރު ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު